Last Updated: April 27, 20:01
Saturday, April 27, 2024
ދުނިޔެ

ވާދަވެރި ހޮންޑާ އާއި ނީސާން ޕާޓްނަޝިޕަކަށް

ކާރު އުފައްދާ ޖަޕާންގެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ހޮންޑާ އާއި ނީސާން ޕާޓްނަޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިކަން އިއުލާންކޮށް ބުނެފައި ވަނީ ދެ ކުންފުނި ޕާޓްނަޝިޕް ހަދަން ނިންމީ އިލެކްޓްރިކް ވެހިކަލް (އީވީ) އަށް ބޭނުންވާ މުހިއްމު ބައިތައް އުފެއްދުމަށާއި ކުންފުނީ އުފެއްދުންތަކުގައި އާޓިފިޝަލް އިިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

ހޮންޑާ އާއި ނިސާން ވެސް އިން ބުނި ގޮތުގައި އީވީގެ މާކެޓް މިހާރަށް ބާރަށް ފުޅާވެ، ކުރިއަރައި ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު، އެ ދާއިރާގައި ނަގާކިޔާ ބައެއްގްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ ދެ ކުންފުނި ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން އީވީ މާކެޓްގެ ވާދަވެރިކަން މިހާރަށް ވުރެ ބޮޑުވެގެން ދާނެ ކަމަށް ބުންޏެވެ.

އީވީގެ މާކެޓްގައި މިހާރު އެންމެ ނަގާކިޔާ ކުންފުނިތަކުގެ ތެރޭގައި ޓެސްލާ އާއި ޗައިނާގެ ބީވައިޑީ ކޮމްޕެނީ ހިމެނެ އެވެ.

"އީވީގެ ދުވެލި މިހާރު އަންނަނީ ވަރަށް ބާރުވަމުން. އެހެންވީމަ މި ވާދަވެރި ރޭހުގައި އަހަރެމެން އެބަޖެހޭ ވަރުގަދަވާން،" ނީސާންގެ ސީއީއޯ މަކޯޓޯ އުޗިޑާ ވިދާޅުވި އެވެ. "މި މާކެޓްގައި ސާބިތުވުމަށްޓަކައި އެބަޖެހޭ މިހާރު ޒަމާނީ ވިސްނުމަކުން ވިސްނަން."

ހޮންޑާއާ އެކީ ނީސާން ޕާޓްނިޝިޕް ހެދި އިރު، އެ ކުންފުނިން ކުރިން ރެނޯލްޓާއި މިޓްސުބިޝީ މޮޓޯސްއާ އެކީ ވެސް އެއްބަސްވުންތަކެއް ހަދާފައިވެ އެވެ.

ހޮންޑާގެ ރައީސް ތޮށިހީރޯ މީބޭ ވިދާޅުވީ ޕާޓްނަޝިޕްގެ ސަބަބުން ދެ ކުންފުންޏަށް ވެސް އީވީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ ކުރިމަގާ މެދު ދެކެވަޑައިގަންނަވަނީ ވަރަށް އުުންމީދީކޮށް ކަމަށް ވިދާޅުވި އެވެ.