Last Updated: April 28, 09:13
Sunday, April 28, 2024
ރިޕޯޓް

ރޯދައާ ބެހޭ ބައެއް ވާހަކަތައް

ރޯދަވެރިޔާ ދުވާލު ކެއިން ބުއިމާއި ޝަހްވަތްތަކުން މަނާވެގެން ހުންނަނީ އަޅުކަމެއްގެ ގޮތުންނެވެ. އަދި އިރު އޮއްސުމާއި އެކީ ކެއިން ބުއިމަށް އަވަސްވެ ގަންނަނީ ވެސް އަޅުކަމެއްގެ ގޮތުންނެވެ. އެކަންކަން ދޫކޮށްލީ ﷲ ގެ އަމުރުފުޅަށެވެ. އަދި އެ ކަންކަމަށް އިޢާދަވީ ވެސް ﷲ ގެ އަމުރުފުޅަށެވެ. ދެ ޙާލަތުގައި ވެސް އަޅާވަނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގަ އެވެ.
(لطائف المعارف – ابن رجب)

"ތިބާ ރޯދައަށް ހުންނަ ހިނދު އަޑުއެހުމުންނާއި ބެލުމުންވެސް ރޯދައަށް ހުންނާށެވެ. އަދި ދޮގުހެދުމާއި ޙަރާމްކަންތައްތަކުން ތިބާގެ ދޫވެސް ރޯދަ ހިފުވާށެވެ. އަދި އަވައްޓެރިންނަށް އުނދަގޫ ނުކުރާާށެވެ. އަދި މަޑުމައިތިރިވެ ހަމަހިމޭންވާށެވެ. ތިބާ ރޯދައަށް ހުންނަ ދުވަހާއި އެނޫންދުވަހާއި އެއްފަދަ ނުކުރާށެވެ." جابر -رضي الله عنه-

ރޯދައަށް ހުންނައިރު ކެއިން ބުއިމާއި ޝަހްވަތްތަކުން ދުރުހެލިވެ ހުރުމުގެ ފައިދާތައް:

1. އަޅާގެ ކިބުރުވެރި، ބޮޑާ، ބާރުގަދަ، ޣަފްލަތްތެރި ނަފްސު ބަލިކަށިކޮށްލައި ހަމަމަގަށް އެޅުވުން
2. ﷲ ގެ ޒިކުރުކުރުމަށާއި، ﷲ ގެ އާޔަތްތަކާއިމެދު ވިސްނާފިކުރުކުރުމަށް އަޅާގެ ހިތް ހުސްކޮށްލުން
3. ފަޤީރުންގެ ޙާލަތު އަޅާއަށް ވިސްނި، އެމީހުންނަށް އެހީތެރިވުމަށް ބާރުއެޅުން
4. ޝައިތާނާގެ ވަސްވާހުގެ ދޮރުތައް ދަތިކުރުން
(لطائف المعارف – ابن رجب)

ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެ އެވެ: "މަގުގެ މެދާ ހަމައަށް ނަމާދު ތިބާ ގެންގޮސްދޭނެއެވެ. އެމަގުގެ ބާކީބައި ފުރިހަމަކޮށް ދޮރުކޮޅާއި ހަމައަށް ރޯދަ ތިބާ ގެންގޮސްދޭނެ އެވެ. އަދި ތިބާގެ އަތުގައި ހިފައިގެން މާތް ރަސްކަލާނގެ ދަރުބާރަށް ޞަދަޤާތް ތިބާ ގެންގޮސްދޭނެ އެވެ".
لطائف المعارف: ابن رجب -رحمه الله-

ބަޔަކު ރޯދަ ވީއްލުމަށް އެއްޗެއް ޞަދަޤާތް ކުރުމަކީ އެ ބޭނުންކުރިހާ ބަޔަކު ރޯދައަށް ތިބެގެން ހޯދިހާ ޘަވާބާއި ދަރުމަ އެބަޔަކަށް މަދުވުމެއްނެތި ތިބާއަށް ލިބިގެން ދާނެ ކަމެކެވެ.
ކޮންމެ ދުވަހަކު ވެސް ގެކައިރީ މިސްކިތަށް ޖޫސްފުޅިއެއް، ކަދުރުކޮޅެއް، ފެންފުޅިއެއް، ހެދިކާކޮޅެއް،…. ހަދިޔާކޮށްގެން މިކަން ވަރަށް ފަސޭހައިން ކުރެވިދާނެ އެވެ.

ނަބިއްޔާ ﷺ ރަމަޟާން މަހު ވަރަށް ބޮޑަށް ދީލަތިވެވަޑައިގަންނަވާ ކަމަށް ރިވާވެގެންވެ އެވެ. އެއީ:

1. ޝަރަފުވެރި ޒަމާނަކަށްވާތީ ޘަވާބާއި ދަރުމަ ގުނަކުރެއްވުމުގެ މަޤްސަދުގައި
2. ރޯދަވެރިންނަށް ރޯދަ ވީއްލުމަށް އެހީވެ ރޯދަވެރިންގެ ޘަވާބުން ޙިއްސާ ހޯއްދެވުމުގެ މަޤްސަދުގައި
3. ރަމަޟާންމަހަކީ ﷲ ތަޢާލާ އަޅުތަކުންނަށް ރަޙްމަތްލައްވައި، ފާފަފުއްސަވައި، ނަރަކައިން ނަޖާކުރެއްވުމުގައި އިޙްސާންތެރިވެވޮޑިގަންނަވާ މައްސަރަކަށްވާތީ އެކަމުން ނަމޫނާ ނެންގެވުމަށް
4. ރޯދައާއި ޞަދަޤާތަކީ ސުވަރުގެ ޙައްޤުވާ ކަމަކަށްވާތީ ސުވަރުގޭގެ އުންމީދުގައި
5. ޞަދަޤާތަކީ ފާފަތައް ފޮހެދޭ ކަމަކަށްވާތީވެ އެއެދުމުގައި
6. ރޯދައިގެ ޘަވާބަށް އަންނަ އުނިކަންތައްތަކުގެ ކައްފާރާއަކަށް
7. ނަފްސުގެ އެދުމުގެ މައްޗަށް އެހެން މީހުންގެ ބޭނުންތައް އިސްކުރެއްވުމުގެ މަތިވެރި ސިފައިން ދަރުމަ ހޯއްދެވުމަށް
لطائف المعارف: ابن رجب -رحمه الله-

ރަމަޟާން މަހު ޝައިތާނުންގެ މާރިދުންތައް ކަސްތަޅުއެޅުވި، ރޯދައިގެ ސަބަބުން ޝަހްވަތުގެ އަލިފާންގަނޑު ނިއްވާލެވުނީމާ، ހަވާނަފްސު އެއްފަރާތްވާނެ އެވެ. ނަފްސުގެ މައްޗަށް ޢަދުލުވެރިކަމާއި އެކީ ޙުކުމް ކުރުމުގެ ފުރިހަމަ ބާރު އަޅާގެ ބުއްދިއަށް ލިބުނީމާ ދެންފަހެ ރޯދައަށް ހުރެ ފާފަތަކަށް އަރައިގަނެ ދައްކާނެ ޢުޒުރެއް ނުވެއެވެ. ابن رجب الحنبلي -رحمه الله-

ޒުވާނުންނޭވެ!

ރަމަޟާން މަހުގެ ހުވަނދަކީ ރޯދަ އެވެ.
ރަމަޟާން މަހުގެ ޒީނަތަކީ ރޭއަޅުކަމެވެ.
ރޭއަޅުކަމުން ޒީނަތްތެރިވުމަށް މިސްކިތްތައް ފުރާލާށެވެ.

"ރޯދައިގެ ޘަވާބަކީ މީހުންގެ ޙައްޤުތައް އަދާކުރުމަށް ބަހާލެވޭނެ އެއްޗެއް ނޫނެވެ. އެޘަވާބު ލިބޭނީ ހަމައެކަނި އަޅާއަށެވެ". سفيان بن عيينة

"ޣީބަބުނެ ފާފައަކަށް އަރައިނުގަންނަހާ ހިނދަކު ރޯދަވެރިޔާގެ ހުރިހާ ވަގުތަކީ އަޅުކަމުގައި ހޭދަކުރާ ވަގުތެކެވެ. ތަންމަތީގައި ނިދަންއޮތް ކަމުގައި ވިޔަސްމެއެވެ". أبو العالِيَةِ

ރޯދަވެރިޔާގެ ރޯދައިގެ އަޅުކަމުގެ ސަބަބުން އޭނާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި މިސްކުގެ މީރު ހުވަނދުވަހަށްވުރެ މީރު ވަހެކެވެ. ދުނިޔެމަތީގައި އަޅާ ސިއްރުން ހިފާ ރޯދައިގެ ޖަޒާއެއްގެ ގޮތުން ޤިޔާމަތުގެ މައިދާނުގައި މިސްކުގެ މީރު ހުވަނދުވަހުން ރޯދަވެރިން އެނގިގެންދާނެ އެވެ. ابن رجب الحنبلي -رحمه الله-

އަޅުކަމުގެ ޘަވާބު އިތުރުވާ ސަބަބުތައް:

1. ޝަރަފުވެރި ތަނެއްގެ ސަބަބުން. މިސާލަކަށް މަސްޖިދުލް ޙަރާމުގައި ނަމާދު ކުރުމުން.
2. ޝަރަފުވެރި ޒަމާނެއްގެ ސަބަބުން. މިސާލަކަށް ރަމަޟާން މަހު
3. ޝަރަފުވެރި އަޅާގެ ސަބަބުން. މިސާލަކަށް އިޙްލާސްތެރި ތަޤްވާވެރި އަޅާ
(لطائف المعارف – ابن رجب)

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް