Last Updated: April 28, 21:57
Sunday, April 28, 2024
މުނިފޫހިފިލުވުން

އަޖޭ އާއި ކާޖޮލް ބިރުވެރި ފިލްމެއް ކުޅެނީ

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަނާއި ކާޖޮލް އެކީގައި ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދެ ތަރިން އެކީގައި ކުޅެމުން އަންނަ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އަޖޭގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ސްކްރީން ރައިޓަރު އާމިލް ކީޔަން ޚާންގެ ސްކްރީންޕްލޭއަކަށް ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ.

ވިޝާލް އަކީ ނުޝްރަތު ބަރޫޗާގެ 2021 ގެ ބިރުވެރި ފިލްމު "ޗޯރީ" ގެ ޑައިރެކްޓަރެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި މުމްބާއީގައި މަންޒަރުތަކެއް ޝޫޓްކުރުމަށް ފަހު މި މަހުގެ 29 ގައި ޝޫޓިން އަށް ކަލްކަތާ އަށް ކާސްޓާއި ކްރޫ ފުރަން ތައްޔާރުވަމުން އަންނަ އިރު، އަޖޭ އާއި ކާޖޮލްގެ ފިލްމުގެ ނަމަކީ "މާ" ކަމަށެވެ. މިއީ އަޖޭ ޕްރޮޑިއުސް ވެސް ކުރާ އެއްޗެކެވެ.

އަޖޭ އާއި ކާޖޮލް އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2020 ގެ "ތާނާޖީ: ދި އަންސަންގެ ވޮރިއާ" އިންނެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާޖޫ ޗާޗާ"، "ހަލްޗަލް"، "ޕިޔާރު ތޯ ހޯނާ ހިތާ"، "އިޝްގް"، "ޔޫ މީ އޯރް ހަމް" އަދި "ދިލް ކިޔާ ކަރޭ" ހިމެނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ މިސްޓްރީ ތުރިލާ "ދޯ ޕައްތީ" އެވެ. އަޖޭގެ ކުރިއަށް އޮތް ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ "މައިދާން" އެވެ.