Last Updated: April 28, 11:56
Sunday, April 28, 2024
ދުނިޔެ

"ފަލަސްތީނު" ގެ ނަމުގައި ކޯލާ ބްރޭންޑެއް

ފަލަސްތީނަށް އެހީވުމުގެ ގޮތުން "ޕަލަސްތީން ކޯލާ" ގެ ނަމުގައި ކޯލާ ބްރޭންޑް ލޯންޗްކޮށްފި އެވެ

މި ކޯލާ އުފައްދާފައި ވަނީ ސްވިޑްންގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ ދެ މީހެކެވެ. އެ ދެ ބެއިން އިސްކޮށް ތިބެގެން މާކެޓަށް ނެރުނު "ފަލަސްތީން ކޯލާ" ގެ ދަޅު އިންނަނީ ހުދު ކުލައިގަ އެވެ. އަދި ރަތް އަކުރުން ނަން އަޅާފައިވާ އިރު، ދަޅުގެ ބޭރުގައި ޒައިނޫތިފަތުގެ ގޮތްޕެއްގެ ކުރެހުން އަޅައި، ދަޅުގެ ތިރީގައި ވަށައިގެން ފަލަސްތީނު ރަމްޒުކޮށް ކެފިއާއެއްގެ ޑިޒައިން ވެސް ހިމަނާފައިވެ އެވެ.

މާކެޓަށް އަދި ނެރުނީ "ޕަލަސްތީނު ކޯލާ" ގެ އެންމެ ރަހައަކެވެ. އެކަމަކު ވަރަށް އަވަހަށް އިތުރު ހަތް ރަހައެއް ނެރެން ތައްޔާރުވަމުން އަންނަ އިރު، މި ކޯލާ ދުނިޔޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަދަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ފަލަސްތީނު ކޯލާ" ތައާރަފުކުރި ދެބޭން ބުނެފައި ވަނީ މީގެ އެންމެ ބޮޑު އަމާޒަކީ ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމުން ހިންގަމުންދާ އަނިޔާވެރި އިޒްރޭލަށް ތާއިދުކުރާ ސޮފްޓް ޑްރިންކްތައް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކުގެ ބަދަލުގައި، ބޭނުން ކުރާނެ ބުއިމެއް ގެނެސްދިނުން ކަމަށެވެ. "ފަލަސްތީނު ކޯލާ" ވިއްކައިގެން ލިބޭ ފައިދާ ހަދިޔާކުރަން ނިންމާފައި ވަނީ އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދޭ އެޖެންސީތަކަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މަޝްހޫރު ބައެއް ބްރޭންޑްތަކާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮއިކޮޓް ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން އިޒްރޭލަށް ތާއީދުކުރާތީ ބޮއިކޮޓްކުރި ބްރޭންޑްރަކުގެ ތެރޭގައި ކޮކަ ކޯލާ، ޕެޕްސީ، މެކްޑޮނަލްޑްސް، ކޭއެފްސީ، ސްޓާބަކްސް، ޕޫމާ އަދި ނެސްލޭ ފަދަ ކުންފުނިތައް ހިމެނެ އެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 40،0000 އެއްހާ މީހުން ޝަހީދުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ފަލަސްތީނަށް ކާނާ އާއި ބޯފެން ފަދަ އަސާސީ ތަކެތި ފޯރުކޮށް ދޭން ހުރަސް އަޅަމުންދާތީ އެ ގައުމުގެ ކުދިން މިހާރު ދަނީ ބަނޑަށް މަރުވަމުންނެވެ.