Last Updated: April 28, 21:57
Sunday, April 28, 2024
މުނިފޫހިފިލުވުން

ޖެމީ ޑޯނަން އަށް ޑަބަލް ރޯލެއް

ހޮލީވުޑްގެ މަޝްހޫރު ތަރި ޖެމީ ޑޯނަން އަށް ސީރީޒެއްގައި ޑަބަލް ރޯލެއް ކުޅެން ފުރުސަތު ލިބިއްޖެ އެވެ.

ވެރައިޓީން ބުނީ މި ކްރައިމް ތުރިލާ ސީރީޒްގެ ނަމަކީ "ދި އަންޑަޓޯ" ކަމަށާއި މީގައި ޑޯނަން ކުޅޭނީ އެޑަމް އާއި ލީ ކިޔާ ކެރެކްޓާތަކެއް ކަމަށެވެ. ސީރީޒްގައި ކިޔައި ދޭނީ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް އަންނަ ފިރިމީހާއާ ވައްތަރު މީހަކާ ހެދި ކުރިމަތިވާ ހާޖާނުގަނޑެކެވެ.

"ދި އަންޑަޓޯ" ގައި ޑޯނަންގެ އަންހެނުންގެ ރޯލު ކުޅޭނީ މެކެންޒީ ޑޭވިސް އެވެ. މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ސީރީޒްގެ މޭސްތިރިއަކީ ނޯވޭގެ 2019 ގެ މަގުބޫލު ކްރައިމް ޑްރާމާ ސީރީޒް "ޓްވިން" ގެނެސްދިން ކްރިސްޓޮފާ މެޓްކާލްފެވެ.

"ފިފްޓީ ޝޭޑްސް އޮފް ގްރޭ" ފަދަ ފިލްމުތައް ކުޅެފައިވާ ޑޯނަންގެ އެންމެ ފަހުގެ ފިލްމުތަކަކީ މިދިޔަ އަހަރުގެ "ހާޓް އޮފް ސްޓޯން" އާއި "އަ ހޯންޓިން ވެނިސް" އެވެ. އަދި އޭނަ އެންމެ ފަހުން ފެނިފައި ވަނީ އެޗްބީއޯ މެކްސް އިން މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން ސީރީޒް "ދަ ޓޫރިސްޓް" އިންނެވެ.