Last Updated: May 2, 17:18
Thursday, May 2, 2024
ޚަބަރު

އެއާ ކޯ ފެށުމަކީ ބޮޑު ކާމިޔާބީއެއް: ގައްސާން

ރާއްޖޭގައި އަލަށް ސިފައިންގެ ހިދުމަތުގެ އެއާ ކޯ ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އަލަށް އަސްކަރީ ޑްރޯން ބޭނުން ކުރަން ފެށުމުގެ ގޮތުން ރޭ ނ. މަނަފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެއާ ކޯ އިފުތިހާހު ކުރުމަކީ ދިވެހި އަސްކަރިއްޔާ އާ ހަރުފަތަކަށް ގެންގޮސް ދިން ކަމެއް ކަމަށެވެ.

ގައްސާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގައުމުގެ މިނިވަންކަން ދިފާޢުކުރުމަށް މީގެ ފަހުން މަސައްކަތްކުރާނީ ސީދާ ރާއްޖޭގެ ދިފާޢީ ބާރުން ކަމަށެވެ. އަދި އެކަން ފަހިވެގެން ދިއުމަކީ ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވެސް ތާރީޚީ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"މިއަދު އަސްކަރިއްޔާއަށް، ކޮމަންޑަ އިންޗީފްގެ އިސްނެންގެވުމަށް ކުރެއްވި ބުރަ މަސައްކަތުން މި ހޯއްދަވާދެއްވީ މިފަދަ ވަޞީލަތެއް. ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ނިޒާމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "ދުނިޔެގައި މިހާރު ކުރިއަރާފައި ހުރި ޤައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް."

ވަޒީރު ވިދާޅުވީ މިއަދުގެ ދުނިޔޭގައި އެއް ގައުމުން އަނެއް ގައުމުގެ އިސްތިގުލާލަށް ބާރު ފޯރުވަމުން ދާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ރާއްޖެ އިން ނުދޭނެކަމަށް ވަޒީރު ވިދާޅިވެ އެވެ.