Last Updated: April 28, 10:54
Sunday, April 28, 2024
މުނިފޫހިފިލުވުން

އަލީ އަނެއްކާ ވެސް އުމްރާވެއްޖެ

މިދިޔަ އަހަރު ވެސް އުމްރާގެ އަޅުކަން އަދާކޮށްފައިވާ އިންޑިއާގެ ޓީވީ އެކްޓަރު އަލީ ގޯނީ އަނެއްކާ ވެސް އުމްރާވެއްޖެ އެވެ.

މި ރޯދަ މަހުގެ ތެރޭގައި އުމްރާގެ އަޅުކަން އަދާކުރަން ގޮސް ނަގާފައިވާ ފޮޓޯތަކެއް އޭނަގެ އިންސްޓަގްރާމްގައި ވެސް އާންމުކޮށްފައިވެ އެވެ. ދެވަނަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނީތީ އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް އަލީ ބުންޏެވެ.

ކަޝްމީރަށް ނިސްބަތްވާ އަލީ އަކީ "ބިގް ބޮސް 14" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ. އުމުރުން 33 އަހަރުގެ އެކްޓަރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" އަދި "ނާގިން 3" ހިމެނެ އެވެ.

އަލީ ބައިވެރިވި ރިއަލިޓީ ޝޯތަކުގެ ތެރޭގައި ކަލާސް ޓީވީގެ "ހަތުރޯން ކޭ ކިލާޅީ 9"، އެމްޓީވީގެ "ސްޕްލިޓްވިލާ 5" އަދި ސްޓާ ޕްލަސްގެ "ނަޗްބަލިއޭ 9" ހިމެނެ އެވެ.

"ޖީތު ކީ ޒިދު" ކިޔާ ވެބް ސީރީޒެއް ވެސް ކުޅެފައިވާ އަލީ ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވެ އެވެ. އޭނަ ރައްޓެހިވެގެން އުޅެނީ ޓީވީ ބަތަލާ އަދި ޕަންޖާބީ ފިލްމުތައް ކުޅޭ ޖޭސްމީން ބަސީންއާ އެވެ.