Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަ ކުރާނަން: ރައީސް

ވެރިކަމުގެ މި ދައުރުގެ ތެރޭގައި ކޯސްޓުގާޑު ކެޕޭސިޓީ ދެގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހުކުރުމަށާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފުކުރުމަށް ރޭ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޯސްޓުގާޑުގެ އުޅަނދުތަކުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ބައެއް ތަކެތި ހުރީ ބޭނުން ވެސް ނުކުރެވޭ ހާލަތުގައި ކަމަށެވެ.

"އާދައިގެ މެދު ސައިޒުގައި ހުރި ވެސެލްތަކަކީ ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދު ދިހަ ވަރަކަށް ބާރަ ވަރަކަށް އުޅނަދު އޮތް ނަމަވެސް ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހަލާތުގަ ހުރި،" ރައީސް ވިދާޅުވި އެވެ. "މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި. އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ."

އެހެންވެ ރައީސް ވަނީ އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނަ ބޮޑުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ އެކަމަށް އެކި ސައިޒުގެ އުޅަނދުތައް ހޯދައި ދެއްވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ތުރުކީއާ އެހެނިހެން ގައުމުތަކުގެ ސަރުކާރުތަކާ އެކީ ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓުގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް ދާނީ ދުވަހަކަށް ވުރެ ދުވަހެއް މަތި ކުރެވެމުން." ރައީސް ވިދާޅުވި އެވެ.