Last Updated: April 28, 15:28
Sunday, April 28, 2024
ދުނިޔެ

ޓިކްޓޮކަށް އިޓަލީން 11 މިލިއަންގެ ޖޫރިމަނާއެއް!

ކުޑަކުދިންނާއި އެ ނޫން ވެސް ބައެއް ފަރާތްތަކަށް އެކަށީގެންވާ ނުވަތަ ކަހަލަ ކޮންޓެންޓްތައް ގެނެސްދިނުން ހުއްޓުން ޓިކްޓޮކުން ފިޔަވަޅު އަޅަމުން ނުދާ ކަމަށް ބުނެ އިޓަލީން ޓިކްޓޮކް 10 މިލިއަން ޔޫރޯ (11 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

ޓިކްޓޮކް ހިންގަމުން އަންނަ ޗައިނާގެ ބައިޓްޑާންސްގެ މައްޗަށް ބުރާސްފަތި ދުވަހު އިޓަލީގެ އިޓާލިއަން ކޮމްޕެޓިޝަން އޮތޯރިޓީން މި ޖޫރިމަނާ އިއްވީ ހާއްސަކޮށް ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓްތައް ޓިކްޓޮކުން ގެނެސްދޭތީ އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ދޭން އެންގުމަށް ފަހު އެވެ. އަދި އެގޮތަށް އެންގީ ކޮންޓެންޓްތަކާ ގުޅޭ ތަހުގީގެއް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިންގުމަށް ފަހު އެވެ. އޭގެ ތެރޭގައި "ފްރެންޗް ސްކާ" ކިޔާ ޕްރޮސީޖާއެއް ކުރިއަށް ގެންދާ މަންޒަރުތަކެއް ދައްކުވައިދޭ ކޮންޓެންޓް ފަދަ އެއްޗެހި ހިމެނެ އެވެ.

އިޓަލީން ބުނީ އެކަމާ ގުޅިގެން ޓިކްޓޮކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި މީގެ ސަބަބުން ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންނާއި އެނޫން ވެސް ވަލްނަބަރަލް ފަރާތްތަކަށް އެކި ކަހަލަ މައްސަލަތަލާ ކުރިމަތިވަމުންދާ ކަމަށެވެ.

އިޓަލީން ކުރި ޖޫރިމަނާއާ ގުޅިގެން ޓިކްޓޮކުން ބުނީ 18 އަހަރުން ދަށަށް އެކަށީގެން ނުވާ ކޮންޓެންޓްތައް އާންމުކޮށް ޓިކްޓޮކް ފެންނާނެ ގޮތަށް މިހާރު ނުހުންނާނެ ކަމަށެވެ. އެހެންވެ އިޓަލީން ކުރި ބޮޑު ޖޫރިމަނާ ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް ޓިކްޓޮކަށް އެކި ގައުމުތަކުން ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ޓިކްޓޮކުން ކުޑަކުދިން ރައްކާތެރިކޮށް ނުދޭ ކަމަށް ބުނެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން ޓިކްޓޮކް 376 މިލިއަން ޑޮލަރުން ވެސް ޖޫރިމަނާކުރި އެވެ.

ޓިކްޓޮކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.