Last Updated: May 3, 15:50
Friday, May 3, 2024
ކުޅިވަރު

ނިއުކާސަލް ބަލިކޮށް ސިޓީ ސެމީ އަށް

ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކުރުމަށް ފަހު އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

މިއީ މި މުބާރާތުގެ ސެމީ އަށް ސިޓީ ޖެހިޖެހިގެން ދަތުރުކުރި ހަވަނަ ފަހަރެވެ. މިއީ މި މުބާރާތުގެ ރެކޯޑެއް ކަމަށްވާއިރު، ސިޓީ އަކީ އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ. މި ގޯލަކީ ނިއުކާސަލްގެ ޑޭން ބާންގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ވެސް ސިލްވާ ކާމިޔާބުކޮށްދިން އިރު މި ގޯލު ވަނީ ނިއުކާސަލްގެ ޑިފެންޑަރު ސްވެން ބޮޓްމަންގެ ބޮލުގައި ޖެހިފަ އެވެ.

މި މެޗުގައި ގޯލެއް ކާމިޔާބު ކުރަން ނިއުކާސަލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގައި އެޓީމުގެ ފޯވާޑް އިސާކް އަށެވެ. ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އިސާކް ފޮނުވާލި ހަމަލާ މަތަކުރީ ސިޓީގެ ގޯލު ރޭ ބެލެހެއްޓި ސްޓެފަން އޮޓޭގާ އެވެ.

އެފްއޭ ކަޕްގެ ކުއާޓާގައި ރޭ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކޮވެންޓްރީން ވަނީ 3-2 އިން ވުލްވްސް ބަލިކޮށް ސެމީ އަށް ދަތުރުކޮށްފަ އެވެ.

އެފްއޭ ކަޕްގެ ކުއާޓާގެ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޗެލްސީން ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:45 ގަ އެވެ. ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ. އެ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 8:30 ގަ އެވެ.

ސެމީފައިނަލްގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އެނގޭނީ މިރޭ ކުޅޭ މެޗުތަކަށް ފަހު ނަގާ ގުރުއަތުލުމުންނެވެ.