Last Updated: April 30, 09:35
Tuesday, April 30, 2024
ޚަބަރު

ހުމާއި އަރިދަފުސް ރޯގާ އިތުރުވަނީ

ރޯގާ ކްލިނިކް - ފޮޓޯ: ސަން

މިދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ ފަދަ ބަލިތައް އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ވިދާޅުވީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު މިދިޔަ ހަފްތާގައި ރޯގާ އާއި ވައިރަލް ހުމާއި ބޭރަށް ހިންގުން އަދި ޗިކެން ޕޮކްސް ކޮންމެވެސް ވަރަކަށް އިތުރުވެފައިވާ ކަމަށެވެ. މި ދުވަސްވަރަކީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއްތަނަކަށް އެއްވާއިރު މިފަދަ އެއްވުންތަކުން ވެސް ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް އަނާ ވިދާޅުވި އެވެ.

ބަލީގެ އަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށާއި އަދި ގިނަގިނަ އިން އަތްދޮވުމާއެކު މާސްކު އަޅައިގެން އުޅުން ފަދަ އާދަތަކުގައި ހިފައިގެން ކުރިއަށްދާނަމަ ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް އަނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުޑަކުދިންގެ ކަންކަން ކުރާނަމަ މާ ބޮޑަށް ރޯގާގެ، ހުމުގެ އަލާމާތް ހުންނަނަމަ އަތްދޮވެ މާސްކު އެޅުމާއި ސެނިޓައިޒްކުރުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކެއްކުމުގެ ކުރިން ވެސް ރަނގަޅަށް އަތްދޮވެ، ފާހާނަކުރުމަށް ފަހު ވެސް އަތްދޮވެ ސާފުކުރުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިސްކިތަށް ދާ ފަރާތްތަކުން ވެސް ރަނގަޅަށް އަތް ދޮވުން މުހިންމު ކަމަށާއި މާބޮޑަށް ކެއްސާއި ކިނބިހި އަޅާނަމަ މާސްކު އެޅުން ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.