Last Updated: April 28, 20:07
Sunday, April 28, 2024
ދުނިޔެ

އިންޑިއާގެ އާންމު އިންތިހާބު 7 ފޭހަކަށް

ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިހާބު ބާއްވާނީ ހަތް ފޭހަކަަށް ކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަންގެ ވެރިޔާ ރަޖީވް ކުމާރު ވިދާޅުވީ އިންތިހާބު ކުރިއަށް ދާނީ އަންނަ މަހުން ފެށިގެން ޖޫން މަހާ ހަމައަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން މަހުގެ 4 ގަ އެވެ. ރަޖީވް ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 968 މިލިއަން މީހަކަށް ލިބިގެންވެ އެވެ. މިއީ 2019 ގެ އާންމު އިންތިހާބުގައި ވޯޓްލީ މީހުންނަށް ވުރެ 150 މިލިއަން އިތުރު އަދަދެކެވެ.

ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ފަހަރުގެ އިންތިހާބަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އިތުރު ދައުރެއް ވެސް ކަށަވަރުކުރައްވާނެ އިންތިހާބެކެވެ. އެހެންވެއްޖެ ނަމަ، މިއީ އޭނަ އަށް ލިބިވަޑައިގަންނަވާ ތިން ވަނަ ދައުރަށް ވާނެ އެވެ. އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ވެރިކަން ކުރާ ޕާޓީ، ބީޖޭޕީން އަންނަނީ ވަރަށް ގަދައަށް ކެމްޕޭންކޮށް، އެތަކެއް ވައުދެއް ވެސް ވަމުންނެވެ.

އިންޑިއާގެ ސިޔާސީ މަސްރަހު ދިސާރާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އާންމު އިންތިހާބުގައި ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރާނެ އެވެ. ބީޖޭޕީ އާއި އެ ޕާޓީގެ ބައިވެރިންނާ ދެކޮޅަށް ގިނަ އަދަދެއްގެ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއް، މިދިޔަ އަހަރު އިންޑިއާގެ ނަމުގައި އުފައްދައި އަންނަނީ މޯދީ ބަލިކުރެވޭތޯ މަސައްކަގް ކުރަމުންނެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސް، އިސްކޮށް އޮވެގެން އުފެއްދި ކޯލިޝަން އިންޑިއާ އަކީ އިންޑިއަން ނެޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލައިންސް (އިންޑިއާ) އެވެ.

އިންޑިއާގައި ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ލިބޭނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިވެ، ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން 272 ގޮނޑި ލިބޭ ބަޔަކަށެވެ. އެންމެ ފަހުން 2019 ގައި ބޭއްވި އިންތިހާބު ބީޖޭޕީން ކާމިޔާބުކުރީ 303 ގޮނޑިއާ އެކީގަ އެވެ.

މި ފަހަރު އެ ޕާޓީ އާއި ބައިވެރިން މަދުވެގެން 370 ގޮނޑި ނަގަން އަމާޒު ހިފާފައިވެ އެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓްލުން ހަތް ފޭހަަކަށް ކުރިއަށް ގެންދާ އިރު، ވޯޓްލުން ކުރިއަށް ދާނީ އަންނަ މަހުގެ 19 އިން ފެށިގެން ޖޫން 1 އާ ހަމައަށެވެ. މި އިންތިހާބުހައި އިލެކްޓްރިކް ވޯޓިން މެޝިން ވެސް ބޭނުން ކުރާނެ އެވެ.

"މި އިންތިހާބަކީ މުޅި ގައުމު ބައިވެރިވާ ވަރަށް ދެފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް ވާނެ." އީސީގެ ވެރިޔާ ރަޖީވު ވިދާޅުވި އެވެ.