Last Updated: April 28, 18:00
Sunday, April 28, 2024
މުނިފޫހިފިލުވުން

"ލަސްވިޔަސް" އަށް އިންތިޒާރު ކުރެވޭ ސަބަބުތަކެއް

އަންނަ މަހަކީ ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހާއްސަ މަހަކަށް ވާނެ އެވެ. ސަބަބަކީ އެ މަހުގެ 12 ގައި "ލަސްވިޔަސް" ކިޔާ ފިލްމެއް އޮލިމްޕަހަށް އަންނާތީ އެވެ. މިއީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރެއިން މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމެވެ.

އޭނަ ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ 1994 ގެ "ދެރިޔާ" އެވެ. އޭގެ ފަހަކުން ޓެޑްރީ ފީޗާ ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ. އެހެންވެ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވުނު "ދެރިޔާ" އަށް ފަހު އޭނަގެ ދެވަނަ ފިލްމަކަށް އިންތިޒާރު ކުރަމުން އައި މީހުން ވަރަށް ގިނަ އެވެ.

އެ އިންތިޒާރަށް ނިމުން މި އަންނަނީ 30 އަހަރު ފަހުންނެވެ. އެހެންވެ "ލަސްވިޔަސް" އަކީ ކަމުދާ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

* ޓެޑްރީ އަށް އިތުބާރު އެބައޮތް

ޓެޑްރީ އަކީ އަބަދު ވެސް އޭނަ ކުރާ މަސައްކަތްތައް ވަރަށް ފެންވަރުގައި ގެނެސްދޭ ޑައިރެކްޓަރެކެވެ. "ދެރިޔާ" އަށް ފަހު ފިލްމެއް ޑައިރެކްޓްނުކުރި ނަމަވެސް އޭނަ ޕްރޮޑިއުސްކޮށް 1997 ގައި ގެނެސްދިން ފިލްމު "އަމާނާތް" އަކީ އޭގެ މިސާލެކެވެ.

އެ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. "ދެރިޔާ" ގެ ބަތަލު އަލީ ޙާލިދާއި ކުރީގެ ބަތަލާއިން ކަމަށްވާ ޖަމްޝީދާ އަހުމަދާއި ފާތުމަތު ރަމީޒާ މައިގަނޑު ރޯލުތައް ކުޅުނު "އަމާނާތް" އަކީ 1983 ހިންދީ ފިލްމު "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ޓެޑްރީގެ އިޓާނަލް ޕިކްޗާސްގެ އެ ފިލްމު ޑައިރެކްޓްކުރީ މަޝްހޫރު ސްކްރިން ރައިޓަރު މަހުދީ އަހުމަދެވެ.

މި ފަހުން ދެން ޓެޑްރީގެ ބޮޑު މަސައްކަތަކަށް ފެނިގެން ދިޔައީ ކޮރަޕްޝަނަށް ހޭލުންތެރިކަން އުފައްދަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހަދައި ދިން ޑްރާމާ ސީރީޒް "ބިތުފަންގި" ގެ ސީޒަން ދޭކެވެ. މީގެ އެޕިސޯޑްތައް ޓެޑްރީ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން އިރު، ކޮރަޕްޝަނާ ގުޅޭ އެތަކެއް އިޝޫއަކަށް ވަރަށް ރަނގަޅަށް އިންސާފުކޮށް ދީފައިވެ އެވެ.

ޓެޑްރީ ވަރަށް ރީތި ވީޑިއޯ ލަވަތަކެއް ވެސް ގެނެސްދީފައިވާ މީހެކެވެ.

ފުރަތަމަ ފިލްމަށް 30 އަހަރު ފަހުން މި ޒަމާނުގެ ފެންވަރުގައި "ލަސްވިޔަސް" ގެނެސްދޭ އިރު، ޓެޑްރީ އަށް އޮތް އިތުބާރު ވަރަށް ބޮޑެވެ. މި ފިލްމަކީ ބެލުންތެރިންގެ އެ ޖާދޫގައި ޖައްސާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ މީހުން ގިނަ އެވެ. އަދި އާ ކަންތައްތަކެއް ޓެޑްރީ މި ފިލްމު ޕްރެޒެންޓްކޮށް ދިނުމުގައި ބޭނުންކޮށްފައިވާނެ ކަމަށް އުންމީދު ވެސް ކުރަން ޖެހެ އެވެ

އެހެންވެ އޮތީ އެޕްރީލް 12 އަށް އިންތިޒާރުކުރުމެވެ.

* ލަސްވިޔަސް

މި ފިލްމު އިއުލާންކުރީ 2017 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ޕްލޭންކޮށްފއި އޮތީ 2018 ގައި ފިލްމު ސިނަމާތަކަށް ގެންނާށެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ. "ލަސްވިޔަސް" ގެ ޝޫޓިން ފެށީ 2022 ގެ ކުރީކޮޅު އެވެ. މީގެ ޝޫޓިން އެއްކޮށް ނިންމައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

"ލަސްވިޔަސް" އަކީ "ދެރިޔާ" ގޮތަށް އަސަރު ގަދަ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. މީގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ ކެންސަރާ ހަނގުރާމަ ކުރާ ކުޑަ އަންހެން ކުއްޖަކަށެވެ. އެ ރޯލު ފިލްމުގައި ކުޅެފައި ވަނީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ.

"ލަސްވިޔަސް" ގެ މައިގަނޑު ތަރިންގެ ތެރޭގައި ދެން ހިމެނެނީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކީ ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.

* ޒޯޔާ

ޒޯޔާގެ މަންމަ ނިއުމާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބަތަލާ އެވެ. އެހެންވެ މަންމަގެ އެ ހުނަރު ޒޯޔާގެ ފަރާތުން ވެސް ފެންނާނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ. "ލަސްވިޔަސް" ގައި އޭނަ ކުޅުނު ކެރެކްޓާއާ ބެހޭ ގޮތުން ޓެޑްރީ ދައްކާފައިވާ ވާހަކަތަކަށް ބަލާ އިރު، ޒޯޔާ ވަނީ ވަރަށް މޮޅު އެކްޓިންއެއް ދައްކައިފަ އެވެ.

އެހެންވެ މި ފިލްމުމން އޭނަ ބެލުންތެރިން ރޮއްވައިލާނެ އެވެ.

މީގެ ކުރިން ޒޯޔާ ފިލްމަކުން ފެނިފައި ނުވުމާއި ނިއުމާ ފަދަ މޮޅު ބަތަލާއެއްގެ ދަރިއަކަށްވާތީ، ޒޯޔާގެ އެކްޓިން ބަލާލަން އެކަނި ވިޔަސް "ލަސްވިޔަސް" އަކީ ބަލާލަން ދާން ޖެހޭ ކަހަލަ ފިލްމެކެވެ. ސަބަބަކީ ފިލްމުގެ ޓްރެއިލާގައި ޒޯޔާގެ ފެނިލުމެއް ހިމަނައިފައި ނެތުމުން އެ ރޯލު "ސްޕްރައިޒެއް" ގެ ގޮތުގައި ބާއްވަން ޓެޑްރީ ވެސް ބޭނުންވާކަން އެނގުމެވެ.

* ރީކޯ މޫސަ އާއި ފައުޒިއްޔާ

މިއީ ވެސް "ލަސްވިޔަސް" ހާއްސަވާ ވަރަށް މުހިއްމު ސަބަބުތަކެކެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންގެ އެންމެ ފަހު ފިލްމެވެ. ދެހާސް ބާވީހުގައި އޭނަ ސްރީ ލަންކާގައި ހާޓްއެޓޭކެއް ޖެހިގެން މަރުވީ "ލަސްވިޔަސް" ގެ މަސައްކަތް ނިންމާފައި ދިޔަތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

މިއީ ޓެޑްރީއާ އެކީ ފައުޒިއްޔާގެ ފުރަތަމަ މަސައްކަތެވެ. އަދި އެކަމުގެ ހާއްސަ ވާހަކަ ޓެޑްރީ އޮތީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. "ލަސްވިޔަސް" ގައި ފައުޒިއްޔާގެ މާ ބޮޑު ރޯލެއް ނެތަސް، އޭނަގެ ކެރެކްޓާ އަކީ ވާހަކައިގެ މުހިއްމު ބައެކެވެ.

ދެން އޮތީ ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސަގެ ވާހަކަ އެވެ. އޭނަ އަކީ ޓެޑްރީގެ "ދެރިޔާ" ގެ ސަޕޯޓިން ރޯލެއް ކުޅުނު އެކްޓަރެކެވެ. "ލަސްވިޔަސް" އަކީ ވަރަށް ދުވަސްކޮށްފައި މޫސަ ރޯލެއް ކުޅުނު ފުރަތަމަ ފިލްމެވެ. އެހެންވެ އަލުން ސްކްރީނުން ދެކިލަން މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

"ލަސްވިޔަސް" ގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލުކޮށް ޓެޑްރީ އޮތީ ޖޫންއާ ހަމައަށް އޮލިމްޕަސް ނަގައިފަ އެވެ.

އެހެންވެ އެންމެ އިންތިޒާރު ކުރެވެނީ މީގެ ޕްރީމިއާ ނައިޓަށެވެ. ޔަގީނުން ވެސް ފިލްމީ ދާއިރާ އިން މި އަހަރު ފެންނާނެ އެންމެ ހާއްސަ އެއް ކަމަކީ "ލަސްވިޔަސް" އޮލިމްޕަހުގައި ދެއްކުމެވެ.