Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގަން ހަވާލުކޮށްފި

މާލޭ ވޭސްޓް ޓްރްންސްފާ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި އެވެ.

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އެޑްމިން އިމާރާތުގައި ބޭއްވުނު ހަފްލާއެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

މާލޭގައި ޤާއިމްކުރެވިފައިވާ މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި، އެ ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގުސަދުގައި އިމާރާތްކުރެވުނު ސްޓޭޝަނެކެވެ. މިގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3ގެ ސަރަހައްދަށް އަމާޒުކުރެވިގެން ހިންގަމުންދާ، ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އަލަށް އިމާރާތްކުރެވިފައިވާ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި އިމާރާތްކުރެވިފައިވާ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެކެވެ.

މި މަޝްރޫޢު އަކީ އޭޑީބީ އިން ބަލަހައްޓަމުންދާ 'ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް' ގެ 2 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ޕްރޮޖެކްޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވި ގޮތުގައި މި ފެސިލިޓީ ވެގެންދާނީ މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީ އަކަށެވެ. އަދި މިނިސްޓްރީއިން އިޢުލާން ކޮށްފައިވާ 'ހަފްތާ-14' މަގުޗާޓުގައި ހިމެނޭ 'މަގޭ ސާފު ރާއްޖެ' ޕްރޮޤްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.