Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

އައްޑޫގައި ހޮސްޕިޓަލެއް އަޅަން ޝައުގުވެރިވޭ: އިންޑިއާ

އައްޑޫގައި، މާލޭގައި އިންޑިއާ އިން ބިނާ ކޮށްފައިވާ އައިޖީއެމް ހޮސްޕިޓަލް ފަދަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ބިނާ ކުރުމަށް އިންޑިއާ އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިންޑިއާއިން މިޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ރޭ ހިތަދޫ ބަނދަރުގައި އޮތް އިންޑިއާގެ މަނަވަރު "ސަންގްރަމް" ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކަމިޝަނާ ސަންޖޭ ރަނާ އެވެ.

ސަންޖޭ ރަނާ ވިދާޅުވީ އައްޑޫގައި ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދްމަތް ފޯރު ކޮށްދޭނެ ހޮސްޕިޓަލެއް ބިނާ ކުރުމަށް ޝައުގުވެރިވާ ކަމަށާއި، އެކަމަށް ހެލްތު މިނިސްޓްރީގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.

އިންޑިއާއިން މީގެ 4 އަހަރު ކުރިން ރާއްޖެއަށް ހަދިޔާ ކުރި "ކުރަނގި" ހެލިކެޕްޓަރ މަރާމާތަށް އިންޑިއާއަށް ގެންދިއުމަށް މި ވަގުތު އައްޑޫއަށް ޒިޔާރަތްކޮށްފައިވާ މަނަވަރުގައި ވާހަކަފުޅު ދައްކަވަމުން ސަންޖޭ ރަނާ ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށްވެސް އިންޑިއާއިން ބޭނުންކަމަށެވެ.

ރަނާ ވިދާޅުވީ އިންޑިއާއިން ރާއްޖެ ހަދިޔާ ކުރި ހެލިކެޕްޓަރގައި މިހާތަނަށް 60 އަށް ވުރެ ގިނަ ބަލިމީހުން، މާލެ ގެންގޮސް ފަރުވާ ދީފައިވާއިރު، ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ހެލިކެޕްޓާރގެ ދައުރު ބޮޑު ކަމަށެވެ. އެގޮތުން އައްޑޫއަށް ރަނގަޅު ސިއްހީ ނިޒާމެއް ބޭނުންވާ ކަމަށާއި، އެކަމަށް އިންޑީއާ އޮތީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން މާލޭގައި ބިނާ ކުރި އިންދިރާ ގާނދީ ހޮސްޕިޓަލް މިދަނީ ބޮޑޫ ހޭދައެއް ކޮށް މަރާމާތު ކުރަމުން، އެތަނަށް އިންޑިއާ ސަރުކާރުން، 10 މިލިއަން ޑޮލަރު ހަރަދު ކުރަމުން މިދަނީ. އެތަން މަރާމާތުކޮށް އެތަނުގެ ހިދްމަތް ރަނގަޅު ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށް. އައްޑޫގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން ބޭނުން. ސަރުކާރުގެ އެއްބާރުލުން ބޭނުން"

އިންޑިއާ ސަރުކާރުން އައްޑޫގައި ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރިއިރު ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ބޭނުންވާ ފަންޑް ހަމަޖެހި އިމާރާތުގެ ޑިޒައިނިން މަސައްކަތް ވަނީ ނިމިފައެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.