Last Updated: May 3, 13:49
Friday, May 3, 2024
ކުޅިވަރު

ލިވަޕޫލްގެ އުއްމީދު ފެނަށް، ޔުނައިޓެޑް ސެމީ އަށް

އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 4-3 އިން ބަލިވެ ހަތަރު ތަށި ހޯދުމަށް ލިވަޕޫލުން ކުރަމުން އައި އުއްމީދުތައް ނިމުމަކަށް އަތުވެއްޖެ އެވެ.

ލިވަޕޫލުން ވަނީ މިދިޔަ މަހުގެ ތެރޭގައި ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ވެސް އޮތީ ލިވަޕޫލް ކަމަށްވާއިރު ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގައި ވެސް ލިވަޕޫލް އަދި އެބައޮތެވެ. ނަމަވެސް ރޭ އެފްއޭ ކަޕުން ކެޓުމުން އެޓީމަށް މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ސްކޮޓް މެކްޓޮމިނޭ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 44 ވަނަ މިނެޓްގައި އެލްސިސް މެކަލިސްޓާ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މި މެޗުގައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓްގައި އެންޓޮނީ އެވެ.

މެޗުގެ އެންމެފަހު ސިކުންތުކޮޅު ތެރޭ މާކަސް ރަޝްފޯޑަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެގޮތުން މެޗުގެ 105 ވަނަ މިނެޓްގައި ހާވީ އެލިއޮޓް ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 112 ވަނަ މިނެޓްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ އިތުރު ވަގުތުގެ ކުޅެން ނިމެން ދަނިކޮށް، ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަމަދް ޑިއާލޯ ވަނީ ޔުނައިޓެޑްގެ ހަތަރުވަަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ސެމީފައިލުން ޖާގަ ކަށަވަރުކޮށްދީފަ އެވެ. މި ގޯލަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އަމަދް ޖޯޒީ ބޭލުމުން ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތްކާޑު ދައްކާފަ އެވެ.

މުބާރާތުގެ ސެމީގައި ޔުނައިޓެޑް ބައްދަލުކުރާނީ ކޮވެންޓްރީއާ އެވެ. އަނެއް ސެމީގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ ނިކުންނާނީ ޗެލްސީއާ އެވެ. ސެމީގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ ފަހުކޮޅު އެވެ.