Last Updated: May 3, 18:13
Friday, May 3, 2024
ކުޅިވަރު

އެތުލެޓިކޯ އަތުން ބާސާ އަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 3-0 އިން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ބާސާ އޮތީ 29 މެޗުން ލިބުނު 64 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 29 މެޗުން 72 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި 29 މެޗުން 62 ޕޮއިންޓު ހޯދައިގެން އޮތީ ޖިރޯނާ އެވެ. ހަތަރުވަނައިގައި 56 ޕޮއިންޓާ އެކު އެތްލެޓިކް ބިލްބާއޯ އޮތްއިރު ފަސްވަނައިގައި 55 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 38 ވަނަ މިނެޓްގައި ބާސާ އިން ވަނީ ލީޑު ނަގާފަ އެވެ. ރޮބަޓް ލެވެންޑޯސްކީ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެތްލެޓިކޯ އިން ލޯނަކަށް ބާސާ އަށް ފޮނުވާފައިވާ ޖައޯ ފެލިކްސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އެތްލެޓިކޯގެ ފޯވާޑް އަލްވަރޯ މޮރާޓާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލެވެންޑޯސްކީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ލެވެންޑޯސްކީ ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުން މެޗުގެ 65 ވަނަ މިނެޓްގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.

މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބާސާގެ ފޯވާޑް ވިޓޯ ރޮކޭ އަށް ކުރި ފައުލަކާ ގުޅިގެން އެތްލެޓިކޯގެ ޑިފެންޑަރު މޮލީނާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ އަށް ފަހު އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އެންމެފަހުން ވެސް އެޓީމު ލީގުގައި އަމިއްލަ ދަނޑުގައި ބަލިވީ ބާސާ އަތުންނެވެ.