Last Updated: May 2, 19:20
Thursday, May 2, 2024
ދުނިޔެ

ގާޒާ އިން ޝަހީދުވި ކުދިންގެ އަދަދު 13،000 އަށް

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަނގުރާމައިގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 13،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޗިލްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތެރިން ރަސެލް ވިދާޅުވީ ހަނގުރާމައިގައި 13،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވުމުގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިފައިވާއިރު ބައެއް ކުދިން ވީ ތަނެއް ވެސް ނޭނގޭ ކަމަށެވެ. މީގެކުރިން އެއްވެސް ހަނގުރާމައެއްގައި ކުޑަކުދިން މަރުނުވާ އަދަދަކަށް މި ހަނގުރާމައިގައި ކުޑަކުދިން މަރުވެފައިވާ ކަމަށް ކެތެރިން ވިދާޅުވި އެވެ.

ތަފާތު އެކި ބަލިތަކުގައި އެޑްމިޓްކޮށްފައިވާ ކުޑަކުދިން ކައިރިއަށް ޒިޔާރަތް ކުރި ކަމަށާއި އެ ކުދިންގެ ކިބައިގައި ރޯނެ ހިތްވަރު ވެސް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާޒާ އަށް އެހީ އެތެރެކުރުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރި އެވެ.

ހަނގުރާމައިގެ ސަބަބުން ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން މިހާތަނަށް ގާޒާ އިން 20 އަށް ވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.

ގާޒާ އިން ކުޑަކުދިން ބަނޑަށް މަރުވާން ފަށާފައިވާއިރު، ބަނޑު ހައިހޫނުކަމުގައި ގާޒާ އިން އެތައް ބަޔަކު މަރުވުން ގާތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ އިންޒާރުދީފަ އެވެ.

ބަނޑުހައިހޫނު ކަމުގެ އިތުރުން ގާޒާގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ބަލިތައް ވެސް އަންނަނީ ފެތުރެމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.