Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

ތުލުސްދޫ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި

ކ. ތުލުސްދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި އެވެ.

ބިންގާ އަޅަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އެ އިންސްޓިޓިޔުޓުގެ ސަބަބުން ތުލުސްދޫގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާގެ ކައިރީގައި ތިބެގެން، އެކަށޭނަ އަދި އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ތުލުސްދޫ ޕޮލިޓެކްނިކަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ތުލުސްދޫ ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގަން ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2022 ގެ ނޮވެމްބަރު ގަ އެވެ.

އެ ތަން އިމާރާތް ކުރަން ތުލުސްދޫ އިން 32،581 އަކަފޫޓްގެ ބިމެއް 50 އަހަރަށް ދީފައިވެ އެވެ. އަދި ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތަކަށް 1،200 އަކަފޫޓުގެ ބިމެއް ރަށުގެ އަތިރިމަތިން ހަމަޖައްސާފައިވެ އެވެ. މި ޕޮލިޓެކްނިކް ހާއްސަކޮށްފައި ވަނީ ވޯޓާ ސްޕޯޓްސް އާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށާއި، ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ހިންގުމަށެވެ.