Last Updated: April 28, 20:21
Sunday, April 28, 2024
މުނިފޫހިފިލުވުން

އަނުޝްކާ އެންމެ ފަހުން ކުޅުނު ފިލްމު ވާނުވާގައި!

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އެންމެ ފަހުން ކުޅުނު ފިލްމު "ޗަކްދާ އެކްސްޕްރެސް" ބެލުންތެރިންނަށް ގެނެސްދެވޭނެ އިރަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިއީ 2022 ގައި ޝޫޓިން ނިންމާފައި އޮތް ފިލްމެކެވެ. އިންޑިއާގެ ކުރީގެ އަންހެނން ކްރިކެޓް ކުޅުންތެރިޔާ ޖޫލާން ގޮސްވާމީގެ ރޯލު އަނުޝްކާ ކުޅެފައިވާ "ޗަކްދާ އެކްސްޕްރެސް" އަކީ އޭނަގެ ކޮއްކޮ، ކަރްނޭޝް ޝަރުމާގެ ކުންފުނި، ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

އެކަމަކު މިހާރު ދެ ފަރާތުގެ އެއްބަސްވުން ބާތިލުކޮށްފައިވާތީ "ޗަކްދާ އެކްސްޕްރެސް" އޮތީ ވާނުވާގައި ކަމަށާއި ފިލްމު އަވަހަކަށް ބެލުންތެރިންނާ ހަމައަށް އައުމުގެ އުންމީދެއް ނެތް ކަމަށް މީޑިއާތަކުން ބުނެ އެވެ. މި ފިލްމުގެ އިތުރުން ކްލީން ސްލޭޓްސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ "އަފްގާނީ ސްނޯ" ވެސް އޮތީ މިހާރު ވާނުވާގަ އެވެ.

ކްލީން ސްލޭޓާއި ނެޓްފްލިކްސް ގުޅިގެން ކުރިން ގެނެސްދިން ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބުލްބުލް"، "ގަލާ" އަދި "މާއީ: އަ މަދާސް ރޭޖް" ހިމެނެ އެވެ.

"ޗަކްދާ އެކްސްޕްރެސް" އަކީ 2018 ގެ "ޒީރޯ" އަށް ފަހު އަނުޝްކާ ކުޅުނު ފުރަތަމަ ފިލްމެވެ. އޭނަގެ "ޗަކްދާ އެކްސްޕްރެސް" ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ނޭނގޭ އިރު، ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މި ވަގުތު އުޅެނީ ދެވަނަ ދަރިފުޅު ވިހައިގެން ލަންޑަންގަ އެވެ.

"ޗަކްދާ އެކްސްޕްރެސް" ގެ ޑައިރެކްޓަރަކީ ކްލީން ސްލޭޓުން ޕްރޮޑިއުސްކޮށް، އަނުޝްކާ ކުޅުނު 2018 ގެ ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.