Last Updated: April 28, 09:13
Sunday, April 28, 2024
މުނިފޫހިފިލުވުން

ތައްބޫއާ އެކީ މަސައްކަތް ކުރަން ލިބުމަކީ އުފަލެއް

ހުނަރުވެރި ބަތަލާ ތައްބޫއާ އެކީ މުޅިން އަލަށް ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

މި ދެ ތަރިންގެ އިތުރުން ޒުވާން ބަތަލާ ކްރިތީ ސެނަން ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ކްރޫ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކަރީނާ އިއްޔެ ބުނީ ތައްބޫއާ އެކީ މަސައްކަތް ކުރަން ލިބޭނެ ދުވަހަކަށް އިންތިޒާރު ވެސް ކުރަމުން ދިޔަ ކަމަށެވެ. އަދި "ކްރޫ" އިން އެ ފުރުސަތު ލިބުނީތީ ފިލްމުގެ މުޅި ޓީމަށް ޝުކުރު އަދާކުރާ ކަމަށާއި މިއީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުންޏެވެ.

"އަހަރެން އަބަދު ވެސް ވަރަށް ބޭނުންވި ތައްބޫއާ އެކީ މަސައްކަތްކޮށްލަން. އޭނަ އަކީ ވަރަށް މޮޅު ބަތަލާއެއް." ކަރީނާ ބުންޏެވެ.

އޭނަ ބުނީ ދައްތަ ކަރިޝްމާ ކަޕޫރަކީ ތައްބޫއާ އެކީ ގިނަ މަސައްކަތްތަކެއް ކުރުމުގެ ނަސީބު ލިބުނު ބަތަލާއެއް ކަމަށެވެ. "ހަމް ސާތު ސާތު ހޭ" އާއި "ޖީތު" އާއި "ބީވީ ނަމްބަރު 1" އަދި "ސާޖަން ޗަލޭ ސަސުރާލު" ގައި ތައްބޫ އާއި ކަރިޝްމާ އެކީގައި މަސައްކަތްކޮށްފައިވެ އެވެ.

ތައްބޫ އާއި ކަރީނާ އަދި ކްރިތީ ކެބިން ކްރޫއިންގެ ރޯލު ކުޅެފައިވާ "ކްރޫ" ސިނަމާތަކަށް އަންނާނީ މި މަހުގެ 29 ގަ އެވެ. މި ފިލްމަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.