Last Updated: April 28, 11:06
Sunday, April 28, 2024
މުނިފޫހިފިލުވުން

"ގުޑް ނިއުސް" އަށް ފަހު "ބޭޑް ނިއުސް"

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން "ގުޑް ނިއުސް" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދިނުމަށް ފަހު "ބޭޑް ނިއުސް" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމައި އެ ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ދެހާސް ބާވީހުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމަށް ކުރިން ކިޔަން ނިންމާފައި އޮތީ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އެވެ. ނަމަވެސް ކާސްޓްގައި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ އިތުރުން އައްމީ ވާކް ހިމެނޭ މި ފިލްމުގެ ނަމަކީ "ބޭޑް ނިއުސް" ކަމަށާއި ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ޖުލައި 19 ގައި ކަމަށް ދަރުމާ އިން މިއަދު ބުންޏެވެ.

އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އާނަންދު ތިވާރީ އެވެ. އޭނަ އަކީ މަދޫރީ ޑިކްސިޓްގެ 2022 ގެ "މަޖާ މާ" ގެނެސްދިން ޑައިރެކްޓަރެވެ.

ދަރުމާ އިން ބުނީ "ބޭޑް ނިއުސް" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. މީގެ މޯޝަން ޕޯސްޓަރުން ދައްކުވައިދޭ ގޮތުގައި މިއީ "ގުޑް ނިއުސް" ގޮތަށް ދަރިމައިވުމާ ގުޅޭ މައްސަލައަކަށް ގެނެސްދޭނެ އެއްޗެކެވެ.

ދެހާސް ނަވާރައިގެ "ގުޑް ނިއުސް" އަކީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދަން ދެމަފިރިންތަކެއް ކުރާ މަސައްކަތުގެ ތެރޭގައި ދަރިފަނި އޮޅުންބޮޅުންވެގެން ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ. ރާޖް މެހެތާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީދު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.

ދަރުމާ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ" އެެވެ. އަދި މި މަހުގެ 21 ގައި އެ ސްޓޫޑިއޯގެ ވަތަނީ ފިލްމު "އޭ ވަތަން މޭރޭ ވަތަން" އެމެޒޯން ޕްރައިމުން ޕްރީމިއާކުރާނެ އެވެ. މީގެ ތަރި އަކީ ސާރާ އަލީ ޚާނެވެ.