Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

ސަލްމާންގެ އާއިލާ އިން ދެ ޒުވާނަކު ބޮލީވުޑަށް

ސަލްމާން ޚާންގެ އާއިލާ އިން ދެ ޒުވާނަކު ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ސަލްމާންގެ ކޮއްކޮއިން ކަމަށްވާ އަރްބާޒް ޚާންގެ ދަރިފުޅު އަރުހާން ޚާން، 21، އާއި ސުހައިލްގެ ޚާންގެ ދޮށީ ދަރިފުޅު ނިރްވާން ޚާން، 24، ބޮލީވުޑަށް ނެރޭ ފިލްމު ކަމަށެވެ. ދެ ޒުވާނެއްގެ މެދުގައި އޮންނަ ގުޅުމެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑިއުސްކުރާނީ ސަލްމާންގެ ފިލްމު ކުންފުނި، އެސްކޭއެފުންނެވެ.

އެމެރިކާ އިން ފިލްމު މޭކިން ކިޔަވާފައިވާ އަރްހާން ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ނިރުވާން ވަނީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާންގެ "ޓައިގާ 3" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އަރްހާނާއި ނިރްވާން ބޮލީވުޑަށް ލޯންޗްކުރުމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން އަރްބާޒާ ސުވާލުކުރުމުން އޭނަ ބުނީ އެއީ އެއްވެސް ޝައްކެއް ވެސް ނެތް ކަމެއް ކަމަށެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ސަލްމާންގެ އާއިލާ އިން މިދިޔަ އަހަރު އަންހެން ފަންނާނަކު ވެސް ބޮލީވުޑަށް ނެރުނެވެ. އެއީ ސަލްމާންގެ ކޮއްކި އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު އަތުލް އަގުހޯތުރީގެ ދަރިފުޅު އަލިޒޭ އަގްނިހޯތުރީ އެެވެ. އޭނަ އަށް ފިލްމުފެއާގެ މޮޅު އާ ބަތަލާގެ އެވޯޑް ވެސް ލިބުނު ފިލްމު "ފަރޭ" އަކީ ސަލްމާން ޕްރޮޑިއުސްކުރި ފިލްމެކެވެ.