އެކުގައި ކާމިޔާބް ފިލްމްތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ތިން އަހަރެއްހާ ދުވަސް ފަހުން އަނެެއްކާ ވެސް އެކުގައި ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ބޮލީވުޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަންޖޭ ލީލާ ބަންސާލީ އާއި ސަބީނާ ހާން ޕްރޮޑިއުސް ކުރާ 2002 ވަނަ އަހަރުގެ އެކްޝަން ތަމަޅަ ފިލްމް "ރާމަނާ" ގެ ހިންދީ ރިމޭކިންގައި ލީޑް ރޯލް ކުޅޭނީ އަކްޝޭ އާއި ކެޓްރީނާ އެވެ.
އާމިރް ހާން ހިމަނައިގެން "ގަޖިނީ" ޑައިރެކްޓް ކުރި އޭއާރް މުރްގަދޯސް ޑައިރެކްޓްކޮށްފައިވާ "ރާމަނާ" ގެ ރައިޓްސް ސަންޖޭ ވަނީ ގަނެފަ އެވެ. އަދި ފިލްމްގެ ލީޑް ރޯލަށް އަކްޝޭ އާއި ކެޓްރީނާ ގެނައުމަށް މިހާރު އަންނަނީ މަސަައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް މިކަން އަދި ސަންޖޭ ކަށަވަރެއް ނުކޮށްދެ އެވެ. އަކްޝޭ ވަނީ މިދިޔަ އަހަރު ސަންޖޭ ޕްރޮޑިއުސް ކުރި ތަމަޅަ ފިލްމް "ޕްރަތީގާތު" ގެ ހިންދީ ރީމެކިން "ރައުޑީ ރާތޯޑް" ގައި ވެސް ލީޑް ކުޅެފަ އެވެ.
"ރާމަނާ" ގެ ހިންދީ ރިމެކިން އަށް އަކްޝޭ އާއި ކެޓްރީނާ ހަމަޖެހިއްޖެ ނަމަ މިއީ 2010 ވަނަ އަހަރު ރިލީޒްވި ފަރަހް ހާން ޑައިރެކްޓް ކުރި "ތީސް މާރް ހާން" އަށް ފަހު އެ ދެ މީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވާނެ އެވެ.
އަކްޝޭ އާއި ކެޓްރީނާ ލީޑް ރޯލް ކުޅުނު ފިލްމްތަކުގެ ތެރޭގައި "ހަމްކޯ ދީވާނަ ކަރްގަޔާ"، "ނަމަސްތޭ ލަންޑަން"، "ސިންގް އިޒް ކިންގް" އަދި "ދޭ ދަނާ ދަން" ފަދަ ފިލްމްތައް ހިމެނެ އެވެ.