Last Updated: June 11, 11:39
Thursday, June 11, 2026
ޚަބަރު

ފަހު ދިހައެއްގައި ޖުޑިޝަރީ މުވައްޒަފުން ލުއިގޮތްތަކެއް

ފޮޓޯ: މިހާރު

ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ކުރުމާ ގުޅިގެން ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންނަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީގެކުރިން ނިންމާފައިއޮތީ، ފަހު ދިހައެއް ސަރުކާރު ބަންދު ނަމަވެސް ޖުޑީޝަރީގެ މުވައްޒަފުން އެ ދުވަސްތަކުގައި ގެއިން އޮންލައިންކޮށް މަސައްކަތް ކުރާގޮތަށެވެ. އަދި އެ ދުވަސްތަކަކީ ބަންދު ނޫން ދުވަސްތަކެއް ކަމަށް ކަނޑައަޅާފައިވެއެވެ.

އެހެންނަމަވެސް ޑީޖޭއޭއިން މިއަދު ބުނެފައިވަނީ ފަހު ދިހައެއް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވުމާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަސްތަކުގައި މުވައްޒަފުން އާންމު އުސޫލުން އޮފީހަށް ހާޒުވާން ނުޖެހޭ ގޮތަށް ޑީޖޭއޭއިން ވަނީ ހަމަޖައްސާފައެވެ.

"މިގޮތަށް މި އިންތިޒާމު ހަމަޖެއްސުމުގައި ވީހާވެސް މަދު ދުވަސްތަކެއްގައި ވީހާވެސް މަދު އަަދަދެއްގެ މުވައްޒަފުން ނެރެގެން ހިދުމަތްތައް ދިނުމަށް އިސްކަން ދެވޭނެއެވެ." ޑީޖޭއޭއިން ބުނެފައިވެއެވެ.

ޑީޖޭއޭއިން ބުނެފައިވަނީ މިބީދައިން ޝަރުއީ ދާއިރާގެ މުވައްޒަފުން މު ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ.