Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

އިމްޕޯޓް، އެކްސްޕޯޓް އާމްދަނީ 30 ޕަސެންޓް ދަށަށް

މާލޭ ވިޔަފާރި ބަނދަރަށް މުދާ ބާލަނީ - ފޮޓޯ: އެމްޕީއެލް

މިދިޔަ ފެބްރުއަރީ މަހު އިމްޕޯޓްސް، އެކްސްޕޯޓުން ލިބުނު އާމްދަނީ 30 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 208 މިލިއަން ރުފިޔާ ކަމަށެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 297 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 30 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫންނެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދުވަނީ ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 191 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައި ވަނީ 232 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަން، ބަންގްލަދޭޝް އަދި ފަރަންސޭސިވިލާތަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.