Last Updated: June 7, 22:00
Sunday, June 7, 2026
ވިޔަފާރި

ކޮކާކޯލާގައި ބޮޑެތި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް

ކޮކާކޯލާގެ އައްޑޫ ސިޓީ ޑިސްޓިރިބިއުޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ދިވެހިރާއްޖެގައި ހިންގާ ކޮކަކޯލާ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޮޑެތި އިނާމްތަކެއް ލިބޭ ގޮތައް ޕްރޮމޯޝަން އެކުންފުނީގެ ފަރާތުން ފަށައިފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފައްޓަވާދެއްވީ ޝަރަފުވެރި މެހްމާން، މާޒިޔާ ސްޕޯޓްސް ކްލަބުގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.

ގިނަ ބަޔަކަށް ބޮޑެތި އިނާމްތަކެއް ލިބޭ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކޮކަކޯލާ އިން ތައްޔާރު ކޮށްފައިވާ ހާއްސަ ފުޅިއެއް ގަނެގެން ބައިވެރި ވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން އަށް ހާއްސަ ކޮށް ތައްޔާރުކޮށްފައިވާ ހުދު މަތިގަނޑުލީ ކޯކު ފުޅީގައި އިންނަ ހަ އަކުރުގެ ކޯޑު 2626 އަށް ފޮނުވުމާއެކު އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިއަދުން ފެށިގެން މޭ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި ބޮޑު ދެ އިނާމެއް ވަނީ ހަމަ ޖައްސާފައެވެ. މިގޮތުން 12 ފަރާތަކަށް ޔަމަހާގެ ސައިކަލެއް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު ދެ ވަނަ އިނާމެއްގެ ގޮތުގައި ހަ ނަސީބުވެރިއަކަށް އެކުންފުނީގެ ފަރާތުން ހުރިހާ ޚަރަދެއް ދޭގޮތަށް އިތުރު ފަރާތެއް ގޮވައިގެން ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިއޯއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޮކާކޯލާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ކޮކަކޯލާ ކުންފުނީގެ ސިލްވާ ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަންގައި ބައިވެރިވުމަށް ތައްޔާރު ކޮށްފައިވާ ކޯޑުތައް ކޯކުގެ 300 އެމްއެލް އާއި 500 އެމްއެލް އަދި ދެ ލީޓަރުގެ ފުޅިތަކުން ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ހުށަހަޅާފައިވާ ބޮޑެތި އިނާމުތަކުގެ އިތުރުން ކުދި އެތައް އިނާމުތަކެއް ވެސް ހުށަހެޅިފައިވާ ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއެވެ.