Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ރަސްމާލެ ހިއްކަން ފެށިއިރު ވެލި ނެގުމަށް މާބޮޑު ދިރާސާއެއް ނުކުރޭ

ރަސްމާލެ ބިންހިއްކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ

ފުށިދިއްގަރުފަޅު ހިއްކަން މަސައްކަތް ފެށިއިރު އެ މަޝްރޫޢަށް ބޭނުންވާ ވެލި ނެގުމާއި ގުޅޭ ގޮތުން މާބޮޑު ދިރާސާއެއް ހަދާފައި ނުވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމަޝްރުޢޫ ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ނުދިޔަނަމަވެސް އެ މަޝްރޫޢު ހުއްޓިފައިވާކަމަށް ނުދެއްނެވޭނެ ކަމަށެވެ. އެގޮތުން ބަންޑް ވޯލްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ މިނިސްޓަރ ވިދާޅުވީ، އެ މަޝްރޫޢު ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ނުދަނީ ވެލިނަގަން ނިންމި ސަރަހައްދުން ބޭނުންވާ ވަރަށް ވެލި ނެތުމުން ކަމަށް ކޮންޓްރެކްޓަރ އަންގާފައިވާ ކަމަށެވެ.

"ހަޤީޤަތުގައި އެ މަސައްކަތް ފެށިއިރު އެ ސަރަހައްދުން ވެލި ނެގުމަށްޓަކައި، މާ ބޮޑު އޭރިއާއެއް ސްޓަޑީކޮށްފައެއް ނެތް. ފުރަތަމަ ފަށާފައި ސޭންޑް ސާޗް ކެމްޕެއިން ކުރިއަށް ގެންދާގޮތަށް. ނަމަވެސް މިހާރު އެ ބޭފުޅުން ދެއްވާ މައުލޫމާތަކީ އެ ބޭފުޅުން ވެލި ނެގިތަނުގައި ވެލި ނެތުމުން ބޭނުންވެއޭ ތަންކޮޅެއް އެކްސްޓެންސިވްކޮށް ސޭންޑް ސާޗް ކެމްޕެއިނެއް ކުރިއަށް ގެންދަން. " މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދާ އެހެން ސަބަބެއް ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޮންޓްރެކްޓަރ އަމިއްލައަށް ޚަރަދުކުރާ މަޝްރޫޢުއެއް ކަމުން ޚަރަދު ކުޑަ ކުރުމަށް ބޮސްކާލިސްއާއިއެކު އެއްބަސްވުމަކަށް އައިސް ގޫޅީފަޅުހިއްކަން މިވަގުތު ބޭނުން ކުރާ ޑްރެޖަރ މިމަޝްރޫޢުގައިވެސް ބޭނުން ކުރުމަށް މަސައްކަތް ކުރުމެވެ.

މީގެ ކުރިން މިނިސްޓަރ މުއްތަލިބު ވަނީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަށް ވެލި ނަގަން ނިންމާފައި އޮތީ އީއައިއޭގައި ފާހަގަކޮށްފައިވާ ގޮތަށް މާލެއަތޮޅުގެ ދެކުނުން ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ އިސްވެރިން ވަނީ އޭރު އެ މަޝްރޫޢަށް ވެލި ނަގަނީ އެހެން މަޝްރޫޢުއަކަށް ބޭނުން ކުރާނެ ވެލި ނޫންކަމަށްވެސް ބުނެފައެވެ.

މި މަޝްރޫޢު ސަރުކާރުން ފެށީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެއެވެ. މި މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.