ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށި ޒޯން ބީ އިން ދޫކުރާ މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.
ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ހުޅަހެޅޭނެ އެވެ.
ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
އެޗްޑީސީއިން އިއުލާނުކޮށްފައިވާ އުސޫލުގެ ދަށުން ތިލަފުށިން ގަންނަ ބިންތައް ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.