Last Updated: April 29, 11:31
Monday, April 29, 2024
ޚަބަރު

ސްކޫލް ޓެސްޓު އަވަސްކުރުމަކީ ދެއުޅިއެއް ނުވާ ނިންމުމެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަށް ގެނައި ބަދަލާ އެކު ސްކޫލު ކުދިންގެ އިމްތިހާނު ބާއްވާ ތާރީހު އަވަސް ކުރުމަކީ ދެއުޅިއެއް ނުވާ ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ އިމްތިހާނު ބާއްވަން މިހާރު ހަމަޖެހިފައި ވަނީ މާޗް 27 އިން އަންނަ މަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. މިނިސްޓްރީން ބުނީ އިމްތިހާނު އަވަސްކުރީ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ގައި ބާއްވަން ނިންމާފައިވާތީ ކަމަށެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން އިތުރުފުޅު ހަދާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލް އަށް ކަމަށާއި އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަސް ކަމަށްވާއިރު މިއީ މުދައްރިސުންނަށް ވަރަށް ބުރަކަމަކަށް ވެގެންދާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ދިޔައީ ކުރަމުން ކަމަށާއި އަދި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ ދެ ދުވަސް ކަމަށްވާއިރު މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެން ހީނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

"މިކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހު އެވެ. މިގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފަ އެވެ. މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައިފާ، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށް ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުން ކަމަށާއި މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުންދަނިކޮށް ކަމަށް ބުނެފައިވެ އެވެ.

"މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއް ނުފެނެ އެވެ. މިހާތަނަށް ވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންނެވެ. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭގަނޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ކުރަމުންދާ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ވަނީ އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް ގޮވާލާފަ އެވެ.