Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ޗައިނާއާއެކު، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

ހަކަތައިގެ ދާއިރާ އިން ގުޅުން ބަދަހިކުރަން އެންވަޔަރަމެންޓް މިނިސްޓްރީން، ޗައިނާގެ ޓިޔަންޔިން އިންކް، (ސީއެންޓީވައި) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހިމް އެވެ. ޗައިނާ ޓިޔަންޔިން އިންކް، (ސީއެންޓީވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސީއެންޓީވައި އިން އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީވުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންޔިން އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މީގެއިތުރުން ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ގުޅުންހުރި ކަންކަން ރޭވުމަށް ނިންމާފައިވާ އިރު، މީހުން ތަމްރީނުކުރުމާއި، ވޯކްޝޮޕް، ސެމިނާ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓާންޝިޕް ފުރުޞަތުތައް ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.