ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް "ރެހެންދި" ފްލެޓަށް ބަދަލުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ބަދިގެ އާއި ސިޓިން ރޫމް ހިމެނޭ ރެހެންދި ފްލެޓަށް، ފަނޑިޔާރު ބާރީ ބަދަލު ވެފައި ވަނީ ނާޒިމްގެ މައްސަލައިގެ ހުކުމް އިއްވި ދުވަހުގެ ފަހު ދުވަހުއެވެ. އަދި މި ފްލެޓަކީ ހުރިހާ ފަރުނީޗަރު ތަކާއި އެއްކޮށް ހުރި ފްލެޓެއް ކަން ވަނީ އެނގިފަ އެވެ.
ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު 10 ފްލެޓްގެ ތެރެއިން ނުވަ ފްލެޓް ދިނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށާއި، ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނާއި، އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އަދި ކޮމިޝަނަރު އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދަށެވެ.
އެހެން ކަމުން ބޮޑަށް ބެލެވެނީ ސަރުކާރަށް ލިބުނު 10 ފްލެޓްގެ ތެރެއިން ފަނޑިޔާރު ބާރީ ބަދަލުވި ފްލެޓަކީ ބާކީ ހުރި ހަމައެކަނި ފްލެޓެވެ. މިއިން ކޮންމެ ފްލެޓް އެއްގެ އަގަކީ 1.6 މިލިއަން ރުފިޔާއެވެ.
"އައްޑޫލައިވް" ގެ ފަރާތުން ފަނޑިޔާރު ބާރީ އަމިއްލަ ނަމުގައި ފްލެޓެއް ބައްލަވައިގެންފައި ވޭތޯ ބެލުމަށް ކުރި މަސައްކަތުން އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ. ނަމަވެސް ފަނޑިޔާރު ބާރީ ބަދަލުވި ފްލެޓަކީ ފާއިސާ ދައްކާ ޙަލާޞްކޮށްފައިވާ ފްލެޓެއްކަން ވަނީ އެނގިފައެވެ.