Last Updated: April 29, 00:08
Sunday, April 28, 2024
ކުޅިވަރު

ޔޫރޯ އަށް ކޮލިފައިނުވެ އިޒްރޭލު ކަޓައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގައި ރޭ އައިސްލޭންޑް އަތުން 4-1 އިން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ނުވެ އިޒްރޭލު ކަޓައިފި އެވެ.

މި މޮޅާއެކު އައިސްލޭންޑް މިހާރު ވަނީ ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފައިނަލްގައި އައިސްލޭންޑް ބައްދަލުކުރާނީ ޔުކްރޭންއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ޔޫރޯ އަށް ކޮލިފައިވާނެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އިޒްރޭލުންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އިޒްރޭލަށް މި ގޯލު ކާމިޔާބުކޮށްދިނީ ޒަހާވީ އެވެ. ނަމަވެސް މެޗުގެ 39 ވަނަ މިނެޓްގައި ގުޑްމުންސަން އައިސްލޭންޑަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓްރައުސްޓަސަން ވަނީ އައިސްލޭންޑަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި އިޒްރޭލުގެ ރެވިވޯ އަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 80 ވަނަ މިނެޓްގައި އިޒްރޭލަށް ޕެނަލްޓީއެއް ލިބި ބޭކާރުވިއިރު، އޭގެ ތިން މިނެޓްފަހުން ގުޑްމުންސަން ވަނީ އައިސްލޭންޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި އައިސްލޭންޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ގުޑްމުންސަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ޔޫރޯ ކޮލިފައިން ޕްލޭއޮފްގައި ރޭ ޔުކްރޭން ވަނީ 2-1 އިން ބޮސްނިއާ ބަލިކޮށްފަ އެވެ. ޕޮލެންޑުން 5-1 އިން އެސްޓޯނިއާ ބަލިކުރިއިރު، ވޭލްސް އިން ވަނީ 4-1 އިން ފިންލެންޑް ބަލިކޮށްފަ އެވެ. އަދި ގްރީސް އިން ވަނީ ފަސޭހަކަމާއެކު 5-0 އިން ކަޒަކްސްތާން ބަލިކޮށްފަ އެވެ.

ޔޫރޯ ޕްލޭއޮފް ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ އަދި ބުދަ ދުވަހު އެވެ.