Last Updated: April 29, 17:04
Monday, April 29, 2024
މުނިފޫހިފިލުވުން

ޝާހިދަށް ބޮޑު ބަޖެޓް ފިލްމެއް

ބޮޑީ ބަޖެޓަކުން ހަދަން ނިންމާފައިވާ "އަޝްވަތައްމާ" ކިޔާ ފިލްމަކަށް ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރް ސޮއިކޮށްފި އެވެ.

މި ފިލްމަކީ މީގެ ދުވަސްކޮޅެއް ކުރިން ބަތަލާ ރަކުލް ޕްރީތު ސިންގްއާ ކައިވެނިކުރި ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓުން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. "އަޝްވަތައްމާ: ދަ ސާގާ ކޮންޓިނިއުސް" ގެ ޑައިރެކްޓަރަކީ ސަޗިން ރަވީ އެވެ.

ނަމަވެސް ފިލްމުގެ އިތުރު ކާސްޓާއި މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އަޝްވަތައްމާ" ކިޔާ ފިލްމަކަށް ޝާހިދު ސޮއިކުރި އިރު، 2019 ގެ ފަހުކޮޅު ވިކީ ކޯޝަލާ އެކީ "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ކިޔާ ސުޕަހީރޯ ފިލްމެއް ހަދަން ޑައިރެކްޓަރު އަދިތިޔާ ދާރް އިއުލާންކުރި އެވެ. އޭނަ އަކީ ވިކީއާ އެކީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ޑައިރެކްޓަރެވެ. ނަމަވެސް އަދިތިޔާގެ "އަޝްވަތައްމާ" ގެ ޓްރިލޮޖީ އަށް ބަޖެޓް ހޯދުމުގެ ދަތިކަމާ ހެދި އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

ނަމަވެސް ޝާހިދުގެ ފިލްމާއި އަދިތިޔާގެ ފިލްމާ އެއްވެސް ގުޅުމެއް ނެތެވެ.

ޝާހިދު މިހާރު އަންނަނީ "ދޭވާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ.