Last Updated: May 6, 21:20
Tuesday, May 7, 2024
ޚަބަރު

ދެވަނަ ފުރުސަތެއް ނުލިބިދާނެ، ހަޔާތަށް ބޮޑު ބަދަލެއް ގެނޭ

ރޯދަ މަހުގެ ތެރޭގައި ލިބިފައިވާ ފަހި ފުރުސަތެއް ދެވަނަ ފަހަރަށް ނުލިބިދާނެ ކަމަށާއި މި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެންނަން ހުކުރު ހުތުބާއި އިލްތިމާސްކޮށްފި އެވެ.

ހުތުބާގައި ބުނެފައިވަނީ މިފަދަ ފަހި ފުރުސަތެއް ދެވަނަ ފަހަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށެވެ.

"ފަރްޟު ފަސް ނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާ ރޭގަނޑުގެ ވަގުތުގައި މާތް ﷲ ރުއްސަވާ ގޮތުގެ މަތިން ހޭދަކުރާ ބަޔަކަށް ވާށެވެ!،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ވަނީ ތަރާވީހު ނަމާދާއި ރޭއަޅުކަން ކޮށް، ކީރިތި ގުރުއާން ގިނަގިނައިން ތިލާވަތު ކުރުމަކީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށްވެސް ބުނެފަ އެވެ.

މީގެއިތުރުން ރޯދައިން ދަސްކޮށްދެނީ އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެގޮތުން އެންމެ ހެޔޮ މީހަކީ، ބަނޑުހައި ހޫނުކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީފޯރުކޮށްދީ، އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށްވެސް ބުނެފައިވެ އެވެ.