Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ފިކުރީ މުދަލާ ބެހޭ ބިލަށް ހިޔާލު ހުށަހެށުމަށް ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަހާ ފޯރަމުގައި ވާހަކަ ދައްކަވަނީ

ދިވެހި ރާއްޖޭގެ ފިކުރީ މުދާ ހިމާޔަތް ކުރުމާއި ބެހޭ ބިލަށް އާންމުގެ ޙިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ އާދީއްތަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އެގޮތުން މިނިސްޓްރީއަށް ލިއުމުން ނުވަތަ އީމެއިލްގެ ޒަރީއްޔާއިން ޚިޔާލު ފޮނުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިކުރީ މުދާ ހިމާޔަތް ކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގެނައުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މަގުޗާޓުގައި ހިމެނޭ މުހިންމު މަސައްކަތެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރެއެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓްރޭޑްމާކާއި ގުޅުންހުރި ހައްޤުތައް ރަޖިސްޓްރީކޮށް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑެއް ޤާއިމްކުރުމަށް ޓްރޭޑްމާކުގެ ބިލް އެކުލަވާލާއި އާންމުންގް ހިޔާލަށް ވަނީ ހުޅުވަން ނިންމާފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ.

މި ބިލް އެކުލަވާލުމުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީ ކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމްކޮށް އެކަމާއި ގުޅޭ މައިގަނޑު އުސޫލްތަށް ކަނޑައަޅައި، ޓްރޭޑްމާކް އަދި އެހެނިހެން ފިކުރީ މުދަލާއި ގުޅޭ ހައްޤޫތައް ތަންފީޒުކޮށް، ހިންގުން ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ބިލުގެ ތެރެއިން އިދާރީ އޮނިގަނޑެއް އެކުލަވައި ޤާނޫނާއި ޤާނޫނުގެ ދަށުން ހަައްޤު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާ ބަޔާންކޮށް ޤާވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ އުސޫލެއްވެސް ޤާއިމް ކުރުންވެސް އޭގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ.

މިއީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިދޭނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ފިކުރީ މުދަލާއި ބެހޭ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު، މީގެ ކުރިން މިދިޔަ އަހަރު ވަނީ ކޮޕީރައިޓްސް ޤާނޫނަށްވެސް އާންމުގެ ހިޔާލަށް ހުޅުވާލާފައެވެ.