Last Updated: April 29, 14:29
Monday, April 29, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާއާ އެކީ ބަންސާލީގެ އެކްޝަން ފިލްމެއް

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކަށް ޕްރިޔަންކާ ޗޯޕްޅާ ގެންނަން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރުގެ ހޯލީ ފާހަގަކުރަން ޕްރިޔަންކާ މިހާރު އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ބަންސާލީ ފަދަ ޑައިރެކްޓަރަކާ އެކީ އަލުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ޕްރިޔަންކާގެ ވަރަށް ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ދެ ފަރާތުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކާ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު މި ފިލްމަކީ ބަންސާލީ ޑައިރެކްޓްކުރާ ގޮތަށް ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ޕީރިއަޑް ފިލްމެއް ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ދެހާސް ބާވީހުގައި "ގަންގޫބާއީ ކަތިއަވާޅީ" ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" އެވެ. މީގެ ތަރިންނަކީ ރަންބީރާއި އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ އަދި ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑަށް އިސްކަންދޭ ބަތަލާ މީގެ ކުރިން ބަންސާލީ ޑައިރެކްޓްކުރި ދެ ފިލްމަކާއި ޕްރޮޑިއުސްކުރި ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 2015 ގެ "ބަޖިރާއޯ މަސްތާނީ" ކުޅުނު ސަޕޯޓިން ރޯލާއި 2013 ގެ "ރާމް-ލީލާ" ގައި ކުޅުނު އައިޓަމް ލަވައިގަ އެވެ. އަނެއް ފިލްމަކީ 2014 "މޭރީ ކޮމް" އެވެ.

ޕްރިޔަންކާ އެންމެ ފަހުން ސޮއިކުރި ހިންދީ ފިލްމަކީ ޑައިރެކްޓަރު ފަރުހާން އަޚްތަރު 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" އެވެ. ނަމަވެސް ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ މި ފިލްމު އޮތީ ވާނުވާގަ އެެވެ. އަދި މިދިޔަ އަހަރު ފަރުހާން ވަނީ ރަންވީރު ސިންގްއާ އެކީ "ޑޮން 3" އިއުލާންކޮށްފަ އެވެ.

ދެހާސް އަށެއްގެ ފިލްމު "ފެޝަން" އިން ނެޝަނަލް އެވޯޑް ވެސް ހޯދި ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ބޮލީވުޑް ފިލްމަކީ ފަރުހާން ބަތަލުގެ ރޯލު ކުޅުނު 2019 ގެ "ދަ ސްކައި އިޒް" ޕިންކް" އެވެ. މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަލަތާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހެޑްސް އޮފް ސްޓޭޓް" އާއި "ދަ ބްލަފް" އަދި "ސިޓަޑެލް" ސީރީޒްގެ ދެވަނަ ސީޒަން ހިމެނެ އެވެ.

ޕްރިޔަންކާ ހޮލީވުޑް ދަތުރު ފެށީ އޭބީސީ ނެޓްވޯކްގެ 2015 ގެ ސިލްސިލާ "ކްއަންޓިކޯ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ބޭވޮޗް"، "އަ ކިޑް ލައިކް ޖޭކް"، "އިޒިންޓް އިޓް ރޮމޭންޓިކް؟"، "ވީ ކޭމް ބީ ހީރޯސް"، "ދަ ވައިޓް ޓައިގާ" އަދި "މެޓްރިކްސް: ރިސަރެކްޝަންސް" ހިމެނެ އެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލަވް އެގެއިން" އެވެ.