Last Updated: May 3, 06:00
Friday, May 3, 2024
ދުނިޔެ

ކޮންސެޓަކަށް ބަޑި ޖަހައި 60 މީހަކު މަރާލައިފި

ރަޝިއާގެ ވެރިރަށް މޮސްކޯ ކައިރީގައި ކޮންސެޓެއް ކުރިއަށް ދަނިކޮށް ބަޑިން ދިން ހަމަލާތަކެއްގައި 60 މީހުން މަރުވެއްޖެ އެވެ.

ކްރޮކަސް ސިޓީ ހޯލްގައި ކުރިއަށްދިޔަ ކޮންސެޓަށް ދިން މި ހަމަލާގައި 60 މީހުން މަރުވެފައިވާއިރު 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

މި ކޮންސެޓު ބެލުމަށް 6،000 މީހުން އެ ހޯލަށް ވަދެ ތިބިއިރު، މި ކޮންސެޓުގައި ޕާފޯމް ކުރުމަށް ހަމަޖެހިފައި އޮތީ ރޮކް ބޭންޑެއް ކަމަށްވާ، ޕިކްނިކް އެވެ. ހަތަރު މީހަކު ވެގެން ބަޑީގެ ހަމަލާތައް ދީފައިވަނީ އެ ބޭންޑް ސްޓޭޖަށް އަރަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާގައި އެ ބޭންޑުގެ އެއްވެސް މެމްބަރަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ސިފައިން ކުރަމުން އަންނައިރު، މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފަ އެވެ.

މިއީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ރަޝިއާ އިން ސިފަކުރާއިރު، ހަމަލާއާ ގުޅިގެން އެގައުމުގެ ރޭލު ސްޓޭޝަންތަކާއި އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި ހަފްތާ ބަންދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.