Last Updated: May 2, 17:44
Thursday, May 2, 2024
ޚަބަރު

ފަލަސްތީނަށް ކުރާ ދުއާ ޙުތުބާ އިން އުންޏެއް ނުކުރޭ

ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ހުކުރު ޙުތުބާ އިން އުނިނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެގޮތަށް ވިދާޅުވީ ހުކުރު ޚުތުބާ އިން އެ ދުއާ މިދިޔަ މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެކަމަށް ރައްދު ދެއްވައި ޝަހީމު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުރު ޙުތުބާއެއްގައި މެދުނުކެނޑި ނެތި އަންނަ ކަމަށެވެ.

އަދި އިއްޔެގެ ހުކުރު ޙުތުބާގައި ވެސް އެ ދުއާ ހިމެނުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"[އެހެންވެ އެއީ] ހަގީގަތާ ހިލާފު ވާހަކައެއް." ޝަހީމު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ފަލަސްތީނަށް ކާމިޔާބު ދެއްވައި އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގައި ފަރުޟު ނަމާދުތަކުގައި މިދިޔަ އަހަރު ގުނޫތު ލާޒިލާ ވެސް ގިނަ ދުވަސްތަކެއް ވަންދެން ކިޔާފައިވެ އެވެ. ނަމަވެސް އެކަން ފަހުން ވަނީ ހުއްޓާލައިފަ އެވެ.