Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

ކަރީނާ "ޓޮކްސިކް" އަށް ސޮއިކުރިކަމުގެ އިޝާރާތެއް

މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" އަށް ސޮއިކުރިކަމުގެ އިޝާރާތެއް ބަތަލާ ކަރީނާ ކަޕޫރް ދީފި އެެވެ.

އޭނަ އަށް އެ ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި ބަތަލާ ބުނީ ދެކުނުން ބޮޑު ފިލްމެއް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

"ދެކުނުން ވަރަށް ބޮޑު ފިލްމެއް އެބައޮތް ލިބިފައި. ޕޭން އިންޑިއާ ފިލްމެއް މިއީ. އެހެންވެ ފޭނުންނަށްޓަކައި ވެސް ވަރަށް އުފަލުން މި ހުރީ." އިތުރު އެއްވެސް ތަފުސޯލެއް ނުދީ ކަރީނާ ބުންޏެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ "ޓޮކްސިކް" އަކީ އެކްޝަން ތުރިލާއެކެވެ. ޔާޝް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމުގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ. މީގެ ޓެގް ލައިނަކީ "އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ. "ޓޮކްސިކް" އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މީގެ ބަތަލު ޔާޝް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ކޭޖީއެފް" ދެ ފިލްމުގެ ބަތަލެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ކްރޫ" އެވެ. އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ހެންސަލް މެހެތާގެ "ދަ ބަކިންހާމް މާޑާސް" ހިމެނެ އެވެ.