Last Updated: April 29, 00:08
Sunday, April 28, 2024
ކުޅިވަރު

ބީއޭއެމްގެ ރައީސާ ގުޅުންހުރި ތަންތަން ފާސްކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ) - ފޮޓޯ: މިހާރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅުންހުރި ތަންތަން އޭސީސީން ފާސްކުރަން ފަށައިފި އެވެ.

އޭސީސީން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު ޢަމުރުގެ ދަށުން ބަލާ ފާސްކުރަމުންދާ ކަމަށެވެ.

ކޮރަޕްޝަނާ ގުޅުންހުރި ގިނަ ތުހުމަތުތަކެއްގައި އޭސީސީން މިދިޔަ ހަފްތާގައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ އިމާރާތަށް ވަދެ ފާސްކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަަލަތަކެއް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، މިމައްސަލަތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.