Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

އައްޑޫ ފެން ޕްލާންޓްގެ މައްސަލަ ހައްލުކޮށްފި

ހިތަދޫގައި ހުންނަ ފެނަކަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް / ފޮޓޯ: އައްޑޫލައިވް

އައްޑޫގެ ގުޅިފައިވާ ރައްތަކަށް ފެނުގެ ޚިދުމަތްދޭ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އައްޑޫސިޓީ ހިތަދޫގައި ހުންނަ ޕްލާންޓަށް މައްސަލައެއް ދިމާވެ ޕްލާންޓު މަރާމާތު ކުރުމަށް ނިއްވާލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް ފެން ޕްލާންޓު ނިވާލުމާއެކު ވަގުތުން ފެނުގެ ޚިދުމަތް މެދު ނުކެނޑެއެވެ. ޚިދުމަތް މެދު ކެނޑުނީ މެނދުރެއްހާއިރު ފެނުގެ ރިޒާވް ހުސްވުމާއެކުއެވެ.

މިމައްސަލަ ހައްލުކުރެވިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެގޮތުން މިރޭ 11:00 ޖަހައި އެހައިކަށްހާއިރު ހިތަދޫ ސަރަހައްދަށް ފެން ދޫކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. އަދި ބާކީ ރައްތަކަށް 12:00 ގެ ފަހުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކުން ފެނުގެ ޚިދުމަތް ކެނޑުނު އިރު، ކުއްލި ހާލަތެއްގައިވެސް ފެނުގެ ހުރީ އެންމެ 2 ގަޑިއިރުގެ ރިޒާވް ކަމަށް އައްޑޫސިޓީ މެޔަރ އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުން ކާރިސީ ހާލަތުގައި ދިގުމުއްދަތަކަށް ތިބެން ޖެހިދާނެކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.