Last Updated: April 29, 06:03
Monday, April 29, 2024
ކުޅިވަރު

އެންޑްރިކްގެ ގޯލުން ބްރެޒިލުން އިންގްލެންޑް ބަލިކޮށްފި

އެކުވެރިކަމުގެ މެޗެއްގައި ރޭ އިންގްލެންޑްގެ މައްޗަށް 1-0 އިން ބްރެޒިލުން ކުރި ހޯދައިފި އެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ބްރެޒިލަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކައިރިން ނައްޓާލުމަށްފަހު ވިނީޝަސް ޖޫނިއާ ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން އިންގްލެންޑްގެ ކައިލް ވޯކާ ދިފާއުކުރިއިރު، ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އަދި އިންގްލެންޑްގެ ޑިފެންސްލައިނަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ބްރެޒިލްގެ ރަފީނިއާ ފޮނުވާލުމުން ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ބްރެޒިލަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ފޯވާޑް އެންޑްރިކް އެވެ. މި ގޯލާއެކު އެންޑްރިކް ވެގެން ގޮސްފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި ގޯލު ކާމިޔާބު ކުރި އެންމެ ހަނގު ކުޅުންތެރިއާ އަށެވެ.

މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ބްރެޒިލްގެ ލީޑު ފުޅާކޮށްލަން ވެސް އެންޑްރިކަށް ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ މަތަކުރީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް އެވެ.

މިއީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ބަލިވި ފުރަތަމަ މެޗެވެ.