Last Updated: April 27, 13:27
Saturday, April 27, 2024
ޚަބަރު

އެމްޑީޕީން އުޅުނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މެދުކަނޑާލަން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުނު ނަމަ އެމްޑީޕީން ވިސްނާފައި އޮތީ ދެ އަހަރަށް ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓްތައް މެދުކަނޑާލަން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ކަމަށް އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެން، ދެއްވި ރައްދެއްގެެ ގޮތުގައި މިހާރު ޕީއެންސީ އަށް ނިސްބަވްތާ އެމްޑީޕީގެ ކުރީގެ މެންބަރު ވިދާޅުވީ މި ސަރުކާރުން އަންނަނީ މާލީ ހާލަތު ރަނގަޅުކޮށް، ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަމުން ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމަކީ ވެރިކަން ލިބުމުން ދެ އަހަރަށް ހުރިހާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ކަމަށް ލީޑަޝިޕުން ދިޔައީ ބުނަމުން،" ނިހާދު ވިދާޅުވި އެވެ. "މާލީ ހާލަތު ވަރަށް ގޯސްކަމަށް ދިޔައީ ބުނަމުން."

ނިހާދަކީ އެމްޑީޕީ އަށް ވެރިކަން ގެއްލުމުގެ ކުރިއާ ހަމައަށް މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކާ މުޅިން އިދިކޮޅަށް ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ރާއްޖެ އަށް ތަރައްގީ ގެނެވެން އޮތީ ރައީސް ސޯލިހާ އެކީ ކަމަށް ކުރިން ވިދާޅުވަމުން ގެންދެވި އެވެ.

ނިހާދަކީ މި ސަރުކާރުން ވެރިކަން ކުރާ ޕާޓީ އަށް އެމްޑީޕީން ގެންދިޔަ މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.