Last Updated: April 29, 15:08
Monday, April 29, 2024
މުނިފޫހިފިލުވުން

"ޗާންދުނީ ބާ" ގެ ސީކްއެލް އަންނަ އަހަރު

މީގެ 23 އަހަރު ކުރިން ރިލީޒްކޮށް، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބޮލީވުޑްގެ ކްރައިމް ޑްރާމާ "ޗާންދުނީ ބާ" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ކުޅަދާނަ ޑައިރެކްޓަރު މަދޫރް ބަންޑާކަރް ޑައިރެކްޓްކޮށް، ތައްބޫ މޮޅު އެކްޓިންއެއް ދެއްކި ފިލްމުގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި "ޗާންދުނީ ބާ 2" ގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭ ލިޔުނު މޯހަން އާޒާދު އެވެ.

އޭނަ ބުނީ "ޗާންދުނީ ބާ" ގެ ދެވަނަ ބައެއް ހެދުމަކީ ޕްރޮޑިއުސަރު ލަތާ މޯހަން ވަރަށް ބޭނުންވެގެން އުޅުނު ކަމެއް ކަމަށާއި ފިލްމު ހަދަން އެންމެ ފަހުން ނިންމީ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ޝައުގުވެރި ހިޔާލުތަކެއް އައުމާ ގުޅިގެން ކަމަށެވެ. މޯހަން ބުނި ގޮތުގައި "ޗާންދުނީ ބާ 2" ގެ ސްކްރީންޕްލޭ ވެސް އޮތީ މިހާރު އެންމެ ބޭނުންވާ ގޮތަށް ނިމިފައި ކަމަށެވެ.

"އެހެންވެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ފުރަތަމަ ބައި ހޯދިވަރުގެ ކާމިޔާބީއެއް ދެވަނަ ބައި ވެސް ހޯދާނެ ކަމަށް." އޭނަ ބުންޏެވެ.

ނަމަވެސް "ޗާންދުނީ ބާ 2" ގައި ކުރީގެ ކާސްޓުން ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ތައްބޫގެ އިތުރުން ކުރީގެ ފިލްމުގެ މުހިއްމު ރޯލުތަކެއް އަތުލް ކުލްކަރްނީ އާއި ރާޖްޕަލް ޔާދަވް ވެސް ކުޅުނެވެ. ތައްބޫ ފިލްމުގައި ކުޅުނީ ބާއެއްގެ މަޖުބޫރުކޮށްގެން ނެށުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއްގެ ރޯލެވެ.

އެންމެ 15 މިލިއަން ޑޮލަރު (1.8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފައްދައި ބޮކްސް އޮފީހުގައި 66 ކްރޯޑް ރުޕީސް (7.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ޗާންދުނީ ބާ" ރިލީޒްކުރީ ސެޕްޓެމްބަރު 28، 2001 ގަ އެވެ. މި ފިލްމަކީ ހަތަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. އެއީ ތައްބޫ އަށް ލިބުނު މޮޅު ބަތަލާގެ އެވޯޑާއި އަތުލް އަށް ލިބުނު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އަނަންޔާ ޚާރޭ އަށް ލިބުނު މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް އިތުރުން ސޯޝަލް އިޝޫއަކަށް ހެދި މޮޅު ފިލްމުގެ އެވޯޑެވެ.