Last Updated: April 27, 14:44
Saturday, April 27, 2024
ޚަބަރު

ހުޅުމާލެ އިން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުން ކުރިއަށް

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދު ސާފުކޮށް އިން ވަކި ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ފަށައިފި އެވެ.

މި މަސައްކަތް އިއްޔެ ފަށްޓަވައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

"އަޅުގަނޑުމެން އުންމީދަކީ ހުޅުމާލޭގައި ބިންވެރިޔާގެ ގޯތިތަކުގެ ތެރެއިން ހިއްކަމުންދާ ސަރަހައްދު ފިޔަވައި ދެން ހުރި ހުރިހާ މަސައްކަތްތަކެއް މި ވަގުތު ހައްލުކޮށްދެވެން ހުރި ކަންތައް ތަކެއް ހައްލުކޮށް ނިންމުން،" އޭނަ ވިދާޅުވި އެވެ. "މީގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭނެ އެކަމަކު ވެސް މިހާރު ދިމާވެފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަރާފައި ހުރި [ނެޓްވޯކްތައް] ބަދަލު ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން."

ފަޒުލް ވިދާޅުވީ ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަަމަށެވެ. އެހެންވެ އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސް.ސީ ގުޅިގެން އެ ނެޓްވޯކްތައް ވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް ބިން ދީފައި ހުރުމާ އެކީ އެތަންތަންވެސް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ގުޅިގެން ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވި އެވެ.

"ހިލަ ހިލަވެއްޔާ ފެނާއި ނަރުދަމާ އަދި މިތަންތަނަށް ހެދިފައި ހުރި ޕްލޮޓްގެ ނިސްބަތުން ބަލާއިރު އަޅުގަނޑުމެންނަކަށް މާގިނަ ދުވަހެއް ނުވާނެ. އެއް ޓީމެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީ ސްޓެލްކޯ އަދި އޭގެ އިތުރުން އެޗްޑީސީ މަސައްކަތްކޮށްފިއްޔާ އެ ބޭފުޅުންނަށް ބިންތައް ދޭކަށެއް،" އޭނަ ވިދާޅުވި އެވެ. "މިއުޅެނީ ސިގްނިފިކެންޓް އަދަދެއް ނޫން ނުދެވިގެން މި އުޅެނީ. ގާތްގަނޑަކަށް ދަންނަވާ ނަމަ 150 ޕްލޮޓްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ."

ބާކީ ދެންހުރި ހުރިހާ ޕްލޮޓެއްވެސް ބިންތައް ސާފު ކުރުމަށްފަހު އިންވަކިކޮށް ދިނުމުގެ މަސައްކަތް އެއްކޮށްހެން ބާރަށް ކުރިއަށް ދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގައި 9،001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 1،351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ.