Last Updated: April 29, 17:32
Monday, April 29, 2024
ދުނިޔެ

މޮސްކޯ ކޮންސަޓަށް ހަމަލާ ދިން މީހުން ހައްޔަރުކޮށްފި

ރަޝިއާގެ މޮސްކޯގައި ހުކުރު ދުވަހުގެ ރޭ ކޮންސަޓަކަށް ހަމަލާދީ އެތައް ބަޔަލު މަރާލި ހާދިސާއާ ގުޅިގެން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ތިބި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ސަތޭކަ ތެއްތިރީހަށް ވުރެ ގިނަ މީހުން މަރުވެ، 140 އަށް ވުރެ ގިނަ މީހުން ޒަހަމްވި ހާދިސާއާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކީ އެ ހަމަލާގައި އެންމެ އިސްކޮށް ތިބި މީހުން ކަމަށާއި އެ މީހުން އަތުލައިގަތީ ޔުކްރޭނަށް ދާން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް ރަޝިއާ ސަރުކާރުން ބުންޏެވެ.

ކޮންސަޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ ނަގައިފަ އެވެ.

ބަޑިން ހަމަލާދީ އެތައް ބަޔަލު މަރާލައި އެތައް ބަޔަކު ޒަހަމްކުރީ މޮސްކޯގެ ކްރޮކަސް ސިޓީ ހޯލްގައި ކުރިއަށް ދިޔަ ކޮންސެޓް ތެރޭގަ އެވެ. ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ކޮންސެޓު ބެލުމަށް 6،200 މީހުން އެ ހޯލަށް ވަދެ ތިއްބެވެ ހަތަރު މީހަކު ވެގެން ބަޑީގެ ހަމަލާތައް ދިނީ ބޭންޑެއް ސްޓޭޖަށް އަރަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

މި ހަމަލާ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ރަޝިއާ އިން ސިފަކޮށްފައިވާ އިރު، ހަމަލާއާ ގުޅިގެން އެ ގައުމުގެ ރޭލު ސްޓޭޝަންތަކާއި އެއާޕޯޓުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވެ އެވެ.