Last Updated: May 2, 21:16
Thursday, May 2, 2024
ޚަބަރު ރައީސް މުއިއްޒު

ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުގެ ޖޫރިމަނާ މަޢާފްކޮށްދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އާންމު ރައްޔިތުންގެ ގޭބީސީތަކުގެ ކަރަންޓު އަދި ފެން ބިލް ނުދެއްކި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމާނާ މަޢާފްކޮށްދޭން ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ރޯދަ މަހު ރައްޔިތުންގެ ކަރަންޓު ބިލްތަކަށް ލުއިގޮތެއް ހައްދަވައި ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ލުއި ދިންކަން ހާމަކޮށް ވިދާޅުވީ، މިއީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަންގަޅު ކޮށްދިނުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މިގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ އެއްކޮށް މަޢާފްކުރަން ނިންމާ ކަމާއި ބެހޭ ކުންފުނިތަކަށް މިހާރު އެކަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެފަރާތްތަކަށް ނުދެއްކި ހުރި ފައިސާ ލުއިގޮތްތަކެއް ހައްދަވައި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވާފައެވެ.

ސަރުކާރުން ކަރަންޓު ބިލް އަދި ފެން ބިލުގެ ޖޫރިމަނާ މަޢާފް ކުރަން ނިންމާފައިވާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސް ވަރެކެވެ. އޭގެ އިތުރުން ރޯދަ މަހާއެކު އާންމު ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އެހެން މަސްތަކާއި އަޅައި ބަލާއިރު އިތުރުވެގެންދެއެވެ. މިއާއެކު ރައީސް ވަނީ ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލް ބޮޑު ނުވާގޮތަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.