Last Updated: April 29, 17:09
Monday, April 29, 2024
ދުނިޔެ

އިންޑިއާ އިން ފިޔާ އެކްސްޕޯޓް މަނާ ދަމަހައްޓައިފި!

މި މަހުގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ އިން މިދިޔަ ޑިސެމްބަރު މަހު މަނާކުރި ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފިޔާ އެކްސްޕޯޓްކުރުން މި ފަހަރު މަނާކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އިންޑިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ހުކުރު ދުވަހު ނެރުނު ނޯޓިހެއްގައި ބުނީ ކުރިން ދިން މުއްދަތު މި މަހުގެ 31 އަށް ހަމަވި ނަމަވެސް ވަކި ގޮތެއް އަންގަންދެން ފިޔާ އެކްސްޕޯޓް ކުރުން މަނާވާނެ ކަމަށެވެ.

އިންޑިއާ އިން އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން މަނާކުރީ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭރު އެގޮތަށް ނިންމީ ފިޔާ ބޭރުކުރެވޭނެ ތިން ހާލަތެއް ކަނޑައެޅުމަށް ފަހު އެވެ. އެގޮތުން ފުރަތަމަ ނޯޓިސް ނެރުމުގެ ކުރިން ފިޔާ ޝިޕްމަންޓްތައް ބަރުކޮށްފައިވާ އުޅަނދުތަކަށް އެ ޝިޕްމަންޓްތައް ބޭރުކުރަން ހުއްދަ ދީފައިވާ އިރު، ޝިޕިން ބިލް ހުށަހަޅައި، އޭރު ބަނދަރުތަކުގައި ފިޔާ ޝިޕްމަންޓް ލޯޑުކޯށްފައިވާ އުޅަނދުތަކަށް ޖެނުއަރީ މަހުގެ 5 އާ ހަމައަށް އެ ޝިޕްމަމްޓްތައް ގެންދަން ހުއްދަ ދިނުމުގެ އިތުރަށް ފިޔަ އަށް ދަތިވެގެން ގައުމަކުން އިންޑިއާ ސަރުކާރުގައި އެދިއްޖެ ހާލަތެއްގައި ފިޔާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުން ހިމެނެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމުގެ މުއްދަތު އިތުރުކުރި، އިންޑިއާގެ ބާޒާރުގައި މިހާރު ފިޔާގެ އަގު ހެޔޮ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މާޗްގެ ނިޔަލަށް މަނާކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް، އިންފްލޭޝަނާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެ އިންތިހާބު އަންނަ މަހުގެ 19 އިން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ.