Last Updated: April 29, 10:54
Monday, April 29, 2024
ރިޕޯޓް

ފަތުރުވެރިންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުން!

ފަރުތުވެރިކަމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެކަމަކަށް އިސްލާމީ ޝަރީޢަތުގައި ތަރުޙީބު ދީފައިވާ ކަމެކެވެ. ބިން މަތީގައި އެއް ތަނުން އަނެއް ތަނަށް ދަތުކޮށް އެކި ތަންތަނަށް ޒިޔާރަތްކޮށް އެކި ޤައުމުތަކުގެ މީހުން އުޅުނު ގޮތާއި އުޅޭ ގޮތާއި އެއުރެންގެ ހަޟާރަތާއި ސަގާފަތްދަނެ، އެކަންކަމުން ޢިބުރަތާއި ފިލާވަޅު ލިބިގަތުމާއި ހިތްހަމަޖެހުން ހޯދުމަކީ އިސްލާމް ދީން ބާރު އަޅާފައިވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ އަލްމުލްކު ސޫރަތުގެ ފަނަރަ ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ!"

އިސްވެ ދިޔަ އާޔަތާއި އިސްލާމްދީނުގެ ޢާއްމު އުޞޫލުތަކަށް ނަޒަރު ހިންގައިލުމުން އިލްހާމްކޮށްދެނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ބާރު އަޅާފައިވާ ކަމެއްކަމުގައެވެ. އަދި އެއީ ދީނީ، އިންސާނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލާއިރު ވެސް ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އެ ޙައްޤަށް އުނިކަން ގެނައުމާއި އެ ޙައްޤު ނިގުޅައި ގަތުމަކީ ޖާއިޒު ވެގެންވާ ކަމެއްނޫނެވެ.

ކުޑަވެސް ޝައްކެއް ނެތެވެ! އިސްލާމްދީނަކީ އިޙުސާންތެރިކަމުގެ މައްޗަށް ޤާއިމުވެގެންވާ އެންމެ މަތިވެތި ދީނެވެ. މިހެންކަމުން އިސްލާމީ ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހެޔޮކޮށް ހިތުމުގައި މުސްލިމުން މިސާލު ދައްކަންޖެހޭނެއެވެ. އިސްލާމްދީނުގެ ޚާއްޞަވެގެންވާ ސިފަތަކުގެ ތެރޭގައި ރަޙުމަތާއި ކުލުވެރިކަމާއި އިޙުސާންތެރިކަން ހިމެނެއެވެ. ދުނިޔޭގެ ގިނަ ބައްރުތަކެއްގައި އިސްލާމްދީން ފެތުރިގެން ދިޔައީ މުސްލިމުންގެ ރިވެތި އަޚުލާޤުގެ ސަބަބުންކަމީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ޙަޤީޤަތެކެވެ.
އާދެ! އިސްލާމްދީނުގައި މެހުމާނުންގެ ދަރަޖަ މަތިވެރި ކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. "މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ، އޭނާގެ މެހުމާނާއަށް ހެޔޮކޮށްހިތާށެވެ." މި މަތިވެރި ބަސްފުޅުން ދޭހަކޮށްދެނީ މެހުމާނުންނަށް ކަމޭހިތުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އަދި އެ ކަމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއްކަމުގައެވެ. އެއީ ވަކި ދީނެއްގެ މީހެއްކަމުގައި ބެލުމެއްނެތި ކޮންމެ މެހުމާނަކަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ. އެ މީހެއްގެ މަޤާމާއި ގުޅޭ ފަދައިން އެ މީހަކަށް މެހުމާންދާރީ ދިނުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ.

މުސްލިމު ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަބުރާއި މުދަލާއި ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. ކޮންމެ ދީނެއްގެ ފަތުރުވެރިއެއްކަމުގައި ވިޔަސް އެ މީހަކާ މެދު އިޙުސާންތެރިކޮށް ކަންކަން ކުރުމަކީ ދީން އަންގަވާފައިވާ ގޮތެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ޞުލްޙަވެރިކަމާއެކު އުޅޭ އެހެން ދީންތަކުގެ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިޙުސާންތެރިވުމަށެވެ. އެއީ ﷲ ލޯބިވެވޮޑިގެންވާ ޢަމަލެއްގައި ޤުރުއާނުގައި ބަޔާންވެގެންވެއެވެ.
ޤައުމަށް އައިސް އުޅޭ ފަތުރުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަކީ މުސްލިމުންގެ ސަޤާފަތަށް އެހާ ފަރިތަ ބަޔަކަށް ނުވެދާނެއެވެ. އެފަދަ ޙާލަތުގައި ވެސް އެ މީހުންނާ މެދު ޢަމަލު ކުރަންޖެހޭނީ ވަރަށް އިޙުސާންތެރިކޮށްނެވެ. އިސްލާމްދީނުގެ ރިވެތިކަން އެ މީހުންނަށް ހާމަވެގެންދާނީ އެފަދަ ޙާލަތުގައެވެ.

ވިސްނައި ފިކުރު ހިންގާށެވެ! މިސްކިތުގެ ތެރެއަށް ކުޑަކަމު ދިޔަ އަޢުރާބީއާމެދު ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތުން ނަމޫނާ ލިބިގަންނަންޖެހޭނެއެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދަނިކޮށް އަޞްޙާބު ބޭކަލުންނަށް ފެނިވަޑައިގަތުމުން އެ ބޭކަލުން އަވަސްވެވަޑައިގަތީ ގަދަކަމުން އޭނާ އެތަނުން ބޭރަށް ލުމަށެވެ. ނަމަވެސް ކީރިތި ރަސޫލާ ޙަދީސްފުޅު ކުރެއްވީ އޭނާ ކުޑަކަމު ގޮސް ނިމެންދެން ދޫކޮށްލެއްވުމަށެވެ. އޭނާ ނިމުމުން، ގެންނަވައި އޭ އަޚާއެވެ. މި މިސްކިތްތަކަކީ ތިޔަ ފަދަ ކަންކަން ކުރުމަށް ހުރި ތަންތަނެއްނޫނޭ ޙަދީސްކުރެއްވިއެވެ. އަދި މިސްކިތްތަކަކީ ﷲ މަތިން ހަނދުމަކުރުމަށާއި ނަމާދު ޤާއިމުކުރުމަށް ޓަކައި ޚާއްޞަ ވެގެންވާ ﷲ ގެ ގެކޮޅުތައް ކަމުގައި އޭނާއަށް ޙަދީސްކުރެއްވިއެވެ. އާދެ! އެ އަޢުރާބީ ފަހުން ބުނެފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވުރެ، ތިމަންނާއަށް ހެޔޮކޮށް ނަސޭޙަތްތެރިވެވަޑައިގެންނެވި ބޭކަލަކު ތިމަންނާގެ ޙަޔާތުގައި ފެނިފައެއް ނުވެއެވެ. އެ އަޢުރާބީގެ ހިތުގައި އެކަމުގެ ސަބަބުން ކީރިތި ރަސޫލާއަށް މަތިވެރި މަޤާމެއް ދެވުނެވެ. މި ޙަދީސުން ދޭހަކޮށްދެނީ މުޖުތަމަޢުގައި މުންކަރާތްތައް ހިންގަން ދޫކޮށްލަންޖެހޭ ވާހަކައެއްނޫނެވެ. މުންކަރާތްތައް ހުއްޓުވުމުގައި އިޙުސާންތެރިވާންޖެހޭކަމެވެ.

އާދެ! އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި މީސްތަކުންގެ ފުރާނައާއި އަބުރާއި މުދާ ޙިމާޔަތްކުރުން ހިމެނެއެވެ. މި މަތިވެރި މަޤުޞަދުތައް ބިންމަތީގައި ޤާއިމު ކުރުމަކީ މުސްލިމުންގެ މަސްއޫލިއްޔަތެކެވެ.
އެއްވެސް މީހެއްގެ ދީނުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާކޮށްގެން ނުވާނެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި މަނާވެގެންވާ ކަމެކެވެ. ނުޙައްޤުން އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވައިލުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ހުރި ކަމެކެވެ.

މި ޒަމާނުގައި ޙައްދުފަހަނައަޅާފައިވާ ބައެއް ފަރާތްތަކުން، ޖިހާދުގެ ނަމުގައި ޤައުމުތަކަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޙަމަލާތައް ދީފައި އެބަހުއްޓެވެ. އެއީ އިސްލާމީ ނަޒަރަކުން ބަލާއިރު ޖާއިޒުވެގެންވާ ކަމެއްނޫނެވެ. ފަތުރުވެރިން ޤައުމަށް ވަންނަނީ ދައުލަތުން ކަނޑައަޅާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށެވެ. އަމާންކަން ލިބިގެންވާ ޙާލުގައެވެ. މި މަގުން އެއްވެސް ޤައުމަކަށް ވަދެ ހުރި ފަތުރުވެރިއެއް، އެއީ ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް، އެ މީހާގެ ފުރާނައަށް ގެއްލުންދިނުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަނެއްކޮޅުން އެއީ މަދަނީ މީހުންނެވެ. އެ މީހުން ތިބޭ ތަންތަނާއި މުދަލަށް އިސްލާމްދީނުގައި ރައްކާތެރިކަން ދިނުމަށް އަމުރުކުރައްވާފައިވެއެވެ.

މިކަންކަމަކީ މިއަދުގެ ޒުވާންޖީލު ދަސްކުރަންޖެހޭނެ ކަންކަމެވެ. ފަހެ، ކީރިތި ޤުރުއާނުގައި ހުރި، ހަނގުރާމައިގެ ޙާލަތުގައި ބާވައިލެއްވިފައިވާ ބައެއް އާޔަތްތައް ނަގައި އެ އާޔަތްތަކުގެ މަޤުޞަދުތަކާއި ޚިލާފަށް ބޭނުންކުރުމަކީ ޖާހިލުކަމުގެ އެންމެ މަތީ ދަރަޖައެވެ. މިކަންކަމާ މެދު މުސްލިމު ޒުވާނުން ސަމާލުވާންޖެހޭނެއެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިތުރު އެ ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި އެހެން ދީންތަކުގެ އެންމެނަށް ހެޔޮކޮށް ހިއްތަވައި މެހުމާންދާރީ ފުރިހަމަ ކުރެއްވިއެވެ. އެ މީހުންނާ އެ ކަލޭގެފާނު އިސްތިޤުބާލު ކުރެއްވީ ވެސް އަލްމަސްޖިދުއްނަބަވީގައެވެ. އެމަތިވެރި އަޚުލާޤުން މިއަދުގެ ޖީލުތަކުން ޢިބްރަތް ޙާޞިލްކުރަންޖެހޭނެއެވެ.

އިސްލާމީ ޤައުމެއްގައި އަމާންކަން ލިބިގެން، އެބަހީ ވިސާ ލިބިގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ވަދެ ތިބި އެންމެންނަކީ މުސްތައުމަނުންނެވެ. އެއީ ދައުލަތުން އަމާންކަން ދީފައިވާ ޞުލްޙަވެރި ފަރާތްތަކެވެ. އެއިގެ ތެރޭގައި ޑިޕްލޮމޭޓުންނާއި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނާއި، ވިޔަފާރިވެރިންނާއި ނޫސްވެރިންނާއި އަސްކަރީންނާއި އެކި ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނާއި ފަތުރުވެރިން ވެސް ހިމެނޭނެއެވެ. އެއިން މީހަކަށް އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖާއިޒުވެގެންވާ ކަމެއްނޫނެވެ. އެންމެ ޞައްޙަކަންބޮޑު ޙަދީސް ފޮތްކަމުގައިވާ އިމާމު އަލްބުޚާރީގެ ޞަޙީޙުގައި ޢަބްދުﷲ ބިން ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހަދީސްކުރެއްވިއެވެ. " މުޢާހިދަކު، ( އެބަހީ، ދައުލަތުން އަމާންކަންދީގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ޤައުމަށް ވަދެ ހުރިމީހަކަށް) ހަމަލާއެއް ދީ އޭނާ މަރައިފި މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެއެވެ." މި ފަދަ މުޢާހިދުންގެ ތެރޭގައި ޓޫރިސްޓުންނާއި ރަސްމީ ބޭނުންތަކަށް ޤައުމަށް އައިސްއުޅޭ ބިދޭސީންނާއި މުސްލިމެއްގެ ދަޢުވަތަކަށް އައިސް ތިބޭ ޣައިރު މުސްލިމުން ހިމެނޭނެކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ވީމާ، މިކަންކަމާމެދު މުސްލިމުން ވިސްނައި ފިކުރު ހިންގަންޖެހޭނެއެވެ.

އާދެ! ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް، ޤައުމުތަކުގެ ސަޤާފަތާއި ޢާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޙުތިރާމްކުރަންވާނެއެވެ. އަދި އެ މީހުންނަށް ޤައުމުގެ ސަގާފަތްއޮޅުން ފިލުވައި ދިނުމަކީ ޓްރެވަލްއެޖެންސީތަކުން ކުރަންވާނެ ކަމެކެވެ. ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކަށް އިޙުތިރާމްކުރުމަކީ ތަހުޒީބުކަމެކެވެ. ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިން ބޭރުވާ ފަރާތްތަކަށް ތަރަހައިގެ ތެރެއަށް ގެނައުމަށްޓަކައި ޤާނޫނު ހިންގާ ފަރާތްތަކުން ފިޔަވަޅުތައް އަޅަންވާނެއެވެ. ޤައުމު ހެޔޮ ގޮތުގައި ކުރިއަށް ދާނީ އެއިރުންނެވެ.

ނޯޓް: މިއީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލިޔުއްވުމެކެވެ.